ޚަބަރު

އަދީބު ފިލި ޓަގްބޯޓުގެ ކެޕްޓަނާއި ޗީފް އިންޖީނިއަރަށް 3 މަހުގެ ޖަލު ހުކުމެއް


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ރާއްޖެއިން ފިއްލެވި މައްސަލާގައި އޭނާ ފިއްލެވި ޓަގުބޯޓުގެ ކެމްޕްޓަނާއި ޗީފް އިންޖިނިއަރުގެ މައްޗަށް ޖަލު ހުކުމެއް އިއްވައިފިއެވެ.

އިންޑޮނޭޝިއާއަށް ނިސްބަތްވާ އެދެމީހުންނާ ދެކޮޅަށް ދައުލަތުން ދައުވާ އުފުލީ އަދީބު ފިލުވުމުގައި އެހީތެރިވެދީފައިވާތީ ޤާނޫނޫ ހިންގަން ހުރައެޅުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އެމީހުންގެ މައްޗަށް އެކުށް ސާބިތުވެގެން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ދެމީހުންވެސް 3 މަހާއި 18 ދުވަހަށް ޖަލަށް ލުމަށެވެ. އެ ދެމީހުން ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މިދިޔަ ހަފްތާގައި އެ ދެމީހުނަށް އެ ހުކުމް އިއްވީ ދައުވާއަށް އިއުތިރާފުވުމުން ކުށަށް އިއުތިރާފުވާ ޙާލަތުގައި އަދަބުގެ އެއް ދަރަޖަ ދަށް މިންގަނޑުންނެވެ.

ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އަދީބު ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ ކުރީގެ ކޮޅު "ވާގޯ 9" ނަމަކަށް ކިޔާ، ސިންގަޕޫރުގެ ޓަގެއްގައެވެ. މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލި ޤާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާއަށް އޭނާ އިޢުތިރާފުވުމާއެކު އަދަބެއްގެ ގޮތުން 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވަނީ އައިސްފައެވެ.