ޖަޕާނުގައި ކުރިއަށްދާ "ޖަޕާން ޓޫރިޒަމް އެކްސްޕޯ"އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ޒިޔާރަތްކުރައްވައިފިއެވެ.
ޖަޕާން ޓޫރިޒަމް އެކްސްޕޯއަށް ރައީސް ޞާލިހު ކުރެއްވި ޒިޔާރަތުގައި އެތަނުގައި ހުރި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވާ އެމްއެމްޕީއާރުސީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީއާއެކު ފެއަރގައި ބައިވެރިވެވާ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ކުންފުނިތަކުގެ އިސް އޮފިޝަލުންނާވެސް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވެވިއެވެ.
"ޖަޕާން ޓޫރިޒަމް އެކްސްޕޯ"އަކީ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ޓްރެވަލް ފެއަރއެވެ. މި ފެއަރ ކުރިއަށްދާނީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ޖަޕާނުގެ އޮސާކާގައެވެ. މި ފެއަރގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 4 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ.
އެމްއެމްޕީއާރްސީއިން ބުނީ މި ފެއަރގެ ތެރެއިން ކުންފުނިތަކުގެ ބޭފުޅުން ޖަޕާނުގެ ޓްރެވަލް މާކެޓްގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް ރާއްޖޭގެ ފަތުރުވެރިކަން ޖަޕާން މާކެޓުގައި އިޝްތިހާރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.
މި ފެއަރގެ އިތުރުން ވެސް ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ރޯޑް ޝޯވއެއް ބޭއްވުމުގެ ތައްޔާރީތައްވެސް ވަމުންނެވެ. މި ރޯޑް ޝޯވ ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޖަޕާނުގެ ނަގޯޔާ، ޓޯކިޔޯ، ފުކުއޯކާ އަދި އޮސާކާގައެވެ. މި ރޯޑްޝޯވްގައި އެމްއެމްޕީއާރްސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 7 ކުންފުންޏަކުން ބައިވެރިވާނެއެވެ. މީގެ އިތުރުން ޖަޕާނުގެ މަތީ ފަންތީގެ ޓްރެވެލް އޭޖެންޓުންވެސް ބައިވެރިވާނެއެވެ.
މިއީ ސިންގަޕޯރ އެއަރލައިންއާއެކު ޖޮއިންޓް ޕްރޮމޯޝަންއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮމޯޝަންއެއްކަމަށް އެމްއެމްޕީއާރްސީއިން ބުނެއެވެ. ޖަޕާނަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. އަދި މިހާރު ޖަޕާނަކީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ޤައުމުވެސްމެއެވެ.
މިއަހަރުގެ އޮގަސްޓުމަހުގެ ނިޔަލަށް ޖަޕާނުން ރާއްޖެއަށް 30049 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 13.2 އިންސައްތައިގެ ކުރިއެރުމެކެވެ.