ޚަބަރު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން، ރައީސް ޔާމިނަށްވެސް ސަލާމާތެއް ނެތް؟!


ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ޚިޔާނާތް ހިނގައިގެން ދިޔައިރު ޤައުމުގެ އެންމެ އިސް މަގާމުގައި ހުރީ އޭރުގެ ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ. ނަމަވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން މެދުކެނޑުމެއްނެތި ދައްކަވަމުން ގެންދާ ވާހަކައަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިނުވާކަމުގެ ވާހަކައެވެ. އެކަމުގައި ބައިވެރި މީހުނަށް އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ފިޔަވަޅު އަޅާފައިކަމަށްވެސް ގެންދަނީ ވިދާޅުވަމުންނެވެ. ހަމައެހެންމެ ދައުލަތުގެ ފައިސާއަށް ޚިޔާނާތެތެރިވުމުގެ ކުށް ސާބިތު ނުކުރެވޭނެކަމަށް ވެރިކަމަށްފަހު ވެސް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ ވިދާޅުވަމުންނެވެ.

އެހެން ކަމުން މިހާތަނަށް ހިނގި އެންމެ ބޮޑު ހިޔާނަތްކަމަށްވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ޔާމިންގެ ބައިވެރިވެޑާއިގެންނެވި މިންވަރާ އެކަން އެމަނިކުފާނަށް އެނގިވަޑައިގެންނަވާ މިންވަރާއި މެދު މީ ކުރެވޭ ސުވާލެކެވެ.

އެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ތަޙްޤީޤުކުރަމުންދަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގާ ތަހްގީގެއް ގޮތުގައެވެ. ތަހްޤީގާ ގުޅޭ ތަފްސީލް މަޢުލޫމާތު އެފަރާތްތަކުން ދިނުމަށް އުޒުވެރިވިނަމަވެސް ބައެއް މަޢުލޫމާތުތައް މިހާތަނަށްވަނީ ލިބިފައެވެ.

މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު ކަންއޮތީ ރައީސް ޔާމީން އެ ވިދާޅުވާ ގޮތަކަށް ނޫނެވެ. އެމްޕީއާރުސީގެ ބޮޑު ޚިޔާނާތުން ރައީސް ޔާމީނުގެ ނަންފުޅު ނާންނަ ނުވަތަ "ސަލާމަތް ވެވޭނެކަމަށް ބެލެވޭ އެއްވެސް ތަނެއް ނެތެވެ. އަދި ތަހުޤީގުގައި ޤާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީނަށް ސަލާމަތްވެވިދާނެކަމަށްވެސް ނުބެލެވެއެވެ.

ލިބިފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު ރައީސް ޔާމީނަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅާއެވެ. ގުރާފަކުން ކުރަހާފައި ދައްކާނަމަ މިމައްސަލައިގައި ހިމެނޭ އެހެން މީހުންގެ ނަންތައް އަންނަނީ ރައީސް ޔާމިންގެ ނަމުގެ ތިރިއަކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތައް ބަލާލުމުން އެނގެއެވެ.

ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާ ފަޅުތައް، އެކި ފަރާތްތަކަށް ދޫކުރުމުގައި ރަށެއްގެ ހަމައަގު ނޫން އަގުގައި އެތަންތަން ދޫކޮށްފައި އެބަހުއްޓެވެ. އެފަހަރަކު ހިތައް އެރި އަގެއްގައި ރަށްތަކާއި ފަޅުތައް އެކި މީސް މީހުނަށް ދެމުން ގެންދިޔައީ އަމިއްލަ ޖީބަށް އޭގެ ފައިދާ ނުވަންނަ ގޮތަށް ކަަމަކަށް ގަބޫލުނުކުރެވޭކަން، އޭގެ ހަމައަގާއި ދީފައިހުރި އަގު އެނގުމުން ޔަގީންވެއެވެ. ފަސް މިލިއަނަށް ދެވެން އޮތް ރަށެއް ދެ މިލިއަނަށް ދޭނީ ކޮންމެވެސް އެހެން ގޮތަކުން އެމީހަކަށް ފައިދާއެއް ލިބޭތީކަމަށް ގަބޫލުކުރާ ވިސްނުން ބަހައްޓައިގެން އެ މައްސަލަތައް ގެންދަނީ ތަހްގީގު ކުރަމުންނެވެ. ހަމައަގުގައި ރަށްތަކާއި ފަޅުތައް ނުދިނުމުގެ ސަބަބުން 144 މިލިއަނެއްހައި ރުފިޔާ ދައުލަތައް ގެއްލިފައިވާއިރު އެ ފައިސާ ނެގީ ކިހިނެތްތޯއާއި ދައުރުވި ގޮތްވެސް ގެންދަނީ ތަޙްޤިޤުކުރަމުންނެވެ.

މިހާތަނަށް އެނގިފައިވާ ބައެއް މަޢުލޫމާތުތަކަށް ބަލާއިރު ރަށްތަކާއި ފަޅުުތައް ނުއަގުގައި ލިބުނު އިންވެސްޓަރުންގެއަތުން ބައެއް ސިޔާސީ މީހުނަށް އެކި ވަރުން ފައިސާ ލިބިފައި އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވިކަމަށް ވެސް ތުހްމަތު ކުރެވެއެވެ. އެހެން ކަމުން މިއީ ކުޑަ މައްސަލައަކަށް ނުބެލެވޭނެއެވެ.

ރަށެއް ނުވަތަ ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމަށް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރަށެއް ޓޫރިޒަމްގެ ބޭނުމަށް ބަޔަކަށް ދޫކުރަން ރައީސް ކަނޑައެޅުވުމާއެކު ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީގެ ދަފްތަރުން އެރަށެއްގެ ނަން އުނިކޮށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކުރެއެވެ. އަދި އެރަށެއް ދޫކުރުމާމެދު އިކްނޮމިކް ކައުންސިލްގައިވެސް މަޝްވަރާ ކުރެވެއެވެ.

އެމަރުޙަލާތައް އެގޮތައް ހިންގާއިރު ރަށެއް ދޫކުރުމުގެ މަރުހަލާ ފެށިގެން އައިސްފައި އޮތީ ރައީސް ޔާމިނާ ހިސާބުންކަން އެނގެއެވެ. އެހެންކަމުން ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމަށް ކަނޑައަޅާފައި ނެތް ރަށެއް ދޫކުރި ނަމަވެސް އެކަން ރައީސް ޔާމިނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި އެރަށެއް ޓޫރިޒަމްގެ އުސޫލުން ދޫކުރުމަށް ކަނޑައަޅާއިރު އެއިން ދައުލަތައް ލިބޭނެ އާމްދަނީއާމެދު ސުވާލެއް ނުއުފައްދާ އެކަން ބަޔަކަށް ދޫކޮށްލާނަމަ އެއީ ކިހާބޮޑު އިހުމާލެއްތޯ ސުވާލު އުފެއްދުމުގެ ޖާގަ ލިބެއެވެ. އަދި ރަށްތަކާއި ފަޅުތައް ދޫކުރުމުގައި ޤާނޫނާ ޚިލާފަށް ޢަމަލު ކޮށްފައިވާނަމަ ރައީސް ޔާމިނަށް އެކަން އެނގިވަޑާއިނުގަންވާނެކަމަށް ބުނެވޭކަށް ނެތެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ޢަމަލުތައް ހިނގަމުން ގޮސްފައިވަނީ އަޙްމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށާއި ނައިބު ރައީސަކަށް ހުންނެވި ދުވަސްވަރެވެ. ގިނަ ޢަދަދެއްގެ ފައިސާ ދައުލަތުގެ މާލިއްޔަތައް ނުވަދެ އެހެން ގޮތްގޮތުން މީސްމީހުންގެ އެކައުންޓަށާއި އަތައް ލިބެމުންދިޔައިރު އެކަން ކުރެވޭނީ ރައީސްގެ އެހީތެރިކަން ލިބިގެންކަމަށް މީހުންގެ ބުއްދިއަށް ގަބޫލު ކުރެވުނަސް އެކަން ސާބިތުކުރުމަށް ހެކި ބޭނުންވެއެވެ. އަދީބު ވަނީ އެކަން ހިނގައިދިޔަގޮތްތައް އޭނާގެ ކުށަށް އިއުތިރާފުވާ ހާލުގައި ވިދާޅުވެ ދިގު ބަޔާނެއް ދެއްވާފައެވެ.

އަދީބުގެ ބަޔާނުގައި ރައީސް ޔާމީންގެ އެންގެވުންތަކަކާއި އޭނާއަށް އިރުޝާދުތައް ލިބެމުންދިޔަ ގޮތުގެ އިތުރުން ރައީސް ޔާމީންގެ ބައިވެރިވުން އެކަންކަމުގައި އޮތްގޮތް ވަނީ ކިޔައިދެއްވާފައެވެ. އަދީބުގެ ބަޔާންތަކާއެކު ތަހްގީގުކުރުމަށް ބޮޑު ފަސޭހައެއް ވަނީވެފައެވެ. އަދި މީގެ ކުރިން ތުހްމަތު ކުރެވުނު ކަންކަން ޔަގީނާ ގާތަށް އަދީބުގެ ބަޔާންތަކުން ވަނީ އާދެވިފައެވެ.

އަދީބު ކުށަށް އިއުތިރާފުނުވާނަމަ ނުވަތަ ރައީސް ޔާމިން ސާލާމަތްކޮށްދިނުމަށް ވިސްނުންފުޅު ހުރި ނަމަ ރައީސް ޔާމިން، އަދީބު ބޭނުންކުރާނީ ތުހްމަތުތަކުން ދިފާއުވުމަށް ހަތިޔާރެއްގެ ގޮތުގައެވެ.

އެމްއެމްޕީއާރުސީން ރަށްތައް ކުއްޔަށް ދީގެން ލިބުނު ފައިސާ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަދީބާ ޙަވާލުކުރުމަށާއި އަދީބުގެ އިރުޝާދާއެކު އެފައިސާއާމެދު އަމަލު ކުރަމުން ގެންދިއުމަށް ސީދާ ރައީސް ޔާމިންގެ އެންގެވިކަމަށް އެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކުރިންހުރި އަބްދުﷲ ޒިޔަތުވެސް ވަނީ ވިދާޅުވެފައެވެ.

ﷲ ގަންދީ ހުވާކޮށް ޒިޔަތު ދެއްކެވި އެވާހަކަތަކަށް ބާރު ލިބޭ އެހެން ހެކިތަކާއި ޤަރީނާތައް ތަހްގީގަށް ގެންދަނީ ހޯދަމުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި އޭނާ ކުށަށް އިއުތިރާފުވުމަށްފަހު ކަންކަން ހިނގި ގޮތް ތަފްސީލްކޮން ކިޔައިދޭން އެއްބަސްވެފައިވެއެވެ. އެހެން ކަމުން ޒިޔަތުގެ ވާހަކަތަކުން ރައީސް ޔާމީނަށް ކުރެވޭ ތުހުމަތުތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ. ސީދާ ރައީސް ޔާމިންގެ ފަރާތްޕުޅުން އޭނާއަށް އައި އިރުޝާދުތައް ތަފްސީލްކޮށް ޒިޔަތުހުރީ ކިޔައިދެއްވާށެވެ.

މީގެ އިތުރުންވެސް ގިނަ ޢަދަދެއްގެ ފައިސާ ރައީސް ޔާމިނަށް ލިބުނުކަން ތަހްޤީޤަށް ވަނީ އެނގިފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ އިންވެސްޓަރުން މެދުވެރިވެގެން ސީދާ ރައީސް ޔާމިނަށް ފޯރުކޮށްދިން ކަމަށް ތުހްމަތު ކުރެވެއެވެ. ރައީސް ޔާމީން އެކަން ކުރައްވާފައިވަނީ އެކަންކަމުން ސަލާމާތް ވެވޭގޮތަށް ނޫންކަނަށް ތަހިގީގަށް ބަލާލުމުން އެނގެނީ އެފައިސާ ވަނީ ބޭންކުތަކުގައި އިންވެސްޓްކޮށްފައެވެ. އެހެން ގޮތަކަށް ބުނާނަމަ އެފައިސާ އެހުރީ ބަނދެވިފައެވެ. އެހެންކަމުން ޔާމިނަށް ފައިސާ ލިބުނުތޯ ނޫންތޯ އެއީ މާބޮޑު ސުވާލަކަށް ތަހްގީގުގައި ނުވެއެވެ. ބޭނުންވަނީ ދިން މީހުންނާއި އެއީ ދައުލަތުގެ ފައިސާކަން ކަށަވަރުކުރުމެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އެންމެ ގިނައިން ވަން އެއް އެކައުންޓަކީ އެސްއޯއެފް ކިޔާ ކުންޏެއްގެ އެކައުންޓެވެެ. އެކުންފުނީގެ ބައެއް އިސް މީހުން މިހާރު ރާއްޖެއިން ބޭރުގައި ތިބިއިރު އެކުންފުންޏަށް ވަން ފައިސާ އާއި ހެދި ގޮތް އެމީހުން ގެންދަނީ މިމައްސަލައިގެ ތަހްގީގަށް ކިޔައިދެމުންނެވެ. އެމީހުންގެ ވާހަކަތަކުގައި ރައީސް ޔާމީންގެ ނަމެއް އުންޏެއް ނުކުރެއެވެ. އެފައިސާ ސީދާ ރައީސް ޔާމިންގެ ގެއަށް ގެންދިޔަ ވާހަކަ ހަމަ އެގޮތައް ތަހްގީގަށް ކިޔާދޭނެކަމަށް ބެލެވެއެވެ. ޔާމީން ދިރިއުޅުއްވި ގ.ދޫވެހީގައި ފައިސާ ގެންގުޅުނުކަމީވެސް ހަގީގަތެއްކަމަށް މިހާރުލިބިފައިވާ މައުލޫމާތުތަކަށް ބެލުމުން އެނގެން އެބައޮތޮވެ.

މި ތުހްމަތުތަކުގައި ރައީސް ޔާމިނާ ދެކޮޅަށްހުރި ހެކިތައް އަދީބާއި ޒިޔަތާއި އެސްއޯއެފް ކުންފުނީގެ އިސް މީހުންގެ ކިބައިން އެކަންޏެއް ނޫނެވެ. ރައީސް ޔާމިންގެ އަރިހުގައި އޭރު ތިބި ބައެއް މީހުން ފަރާތްތަކުގެ ބަޔާންތަކުންވެސް މި ކަންތައް އޮތީ ފެންނާށެވެ.