ޚަބަރު

ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި މިނިސްޓްރީގެ ނިންމުން ރަނގަޅުތަ؟


އަންނަ އަހަރު، ސަރުކާރުގެ ސްކޫލްތަކަށް އަލަށް ވަންނަން ބޭނުންވާ ފާރާތްތަކަށް މިހާރުވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. މިގޮތުން މިހާރުވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައި ހުންނަ ސަރުކާރުގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް އެދި ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

ކޮންމެ އަހަރެއްގެ ދިރާސީ ކިޔެވުން ނިމި ޖެހިގެން އަންނަ އަހަރަށް ދަރިވަރުން ސްކޫލަށް ވެއްދުމަށް ބެލެނިވެރިން އަބަދުވެސް ތިބެނީ ތައްޔާރަށެވެ. މިގޮތުން އަންނަ އަހަރުގެ ސްކޫލްތަކަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެފުރުޞަތު ހުޅުވާލާފައެވެ. ދަރިވަރުން ސްކޫލަށް ވެއްދުމަށްޓަކައި ފޯމު ހުށަހަޅާއިރު ފޯމާއެކު ހުށަހަޅަންޖެހޭތަކެތި ހަމަކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޑިއުކޭޝަ މިނިސްޓްރީންވަނީ އިލްތިމާސްކޮށްފައެވެ.

ކޮންމެ ބެލެނިވެރިއަކުވެސް ދުރާލައި މަސައްކަތްކުރަމުންދަނީ އެންމެ ރަނގަޅު ސްކޫލަކަށް ދަރިވަރު ވެއްދުމަށެވެ. ކޮންމެ ފަހަރަކުވެސް ބެލެނިވެރިން ބޭނުންވާ ސްކޫލުން ޖަގަ ނުލިބުމުގެ ސަބަބުން ފެންނަމުންދަނީ ކަންބޮޑުވުންތަކާއި ހަމަނުޖެހުންތަކެވެ. ޚާއްސަކޮށް މާލޭގެ ވަކި ސްކޫލްތަކަށް ދަރިވަރުން ވެއްދުމަށް ބެލެނިވެރިން ފޯރިއެއްހުރެއެވެ. މިގޮތުން އިސްކަންދަރު ސްކޫލާއި ޖާމާލުއްދީން ސްކޫލަކީ އެންމެ ގިނަބަޔަކު ދަރިން ވައްދަން ބޭނުންވާ ސްކޫލަށް ވެފައި އޮންނަތާ އެތައްއަހަރެއް ވެއްޖެއެވެ.

މި ދެސްކޫލަކީ މާލޭގައި އެންމެ ބައިބޯ ހިސާބުގައި ހިމެނޭ ދެސްކޫލެވެ. މާލޭގެ ރައްޔިތުންގެ އިތުރަށް އަތޮޅުތަކުގެ ދަރިވަރުންވެސް މި ދެސްކޫލަށް ދަނީ ވައްދަމުންނެވެ. އިސްކަންދަރު ސްކޫލަށް ގްރޭޑް އެކަކަށް ވަނުމަށްޓަކައި އެސަރަޙައްދުގައި ދުއިސައްތައަށްވުރެ ގިނަ ދަރިވަރުން ތިބިއިރު ޖާގަ ދެވެން އޮތީ 90 ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި ޖަމާލުއްދީނަށް 120 ދަރިވަރުންނަށް ޖާގަ ދެވެން އޮތަސް އެ ސަރަހައްދުގައި 396 ހިމެނެއެވެ.

މި ތަނުން ސްކޫލަކަށް ޖާގަ ނުލިބި ނުވަދެވޭ ކަމުގައި ވާނަމަ މީގެ ކުރިންވެސް ނިންމާ ގޮތަށް ކައިރި ސްކޫލަކުން ޖާގަ ދިނުމަށް ވަނީ ނިންމާފައެވެ. ދެން އޮތް ސުވާލަކީ މި ދެސްކޫލަށް ޕްރެޝަރ ބޮޑުވަނީ ކީއްވެ ހެއްޔެވެ؟ ފަހަރުގައި ސްކޫލްގައި ކިޔަވައިދޭ މުދައްރިސުންނަކީ މޮޅު ބަޔަކަށްވުމާއި މި ދެސްކޫލަކީ ފެންވަރު ރަނަގޅު ސްކޫލްތަކަކަށްވެސް ވެދާނެއެވެ. މި ދެސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދަނީ މުއްސަދިން ނުވަތަ ސަރުކާރުގެ ނުވަތަ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިބި މީހުންގެ ދަރިންނަށްވުންވެސް އެކަށީގެންވެއެވެ.

ދުވަހެއް ދުވަހަކަށް ދަރިންނަށް ތަޢުލީމް ފޯރުކޮށްދިނުމަށް މާލެ އަންނަ މީހުންގެ އަދަދުވެސް ވަކި މަދެއް ނުވެއެވެ. ތަޢުލީމް ފޯރުކޮށްދިނުމުގެ ނަމުގައި ބައެއްފަހަރު މަކަރާއި ހީލަތް ހަދާތަންވެސް ފެނެއެވެ.
ސްކޫލް އެޕްލިކޭޝަންގެ ގޮތުގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ފޯމެއް ޤަވާއިދާ ޚިލާފަށް ހުށަހަޅައެވެ. ވަކިވަކި ސްކޫލްތަކުން މޮޅަށް ކިޔަވައިދޭކަމަށް ބުނާއިރު އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލް ހިމެނޭ ސަރަހައްދުގައި ހުރި ބައެއް ގެތަކުން 40 އާއި 50 އާ ދެމެދުގެ ޢަދަދަކަށް ގްރޭޑް 1 އަށް ވަންނަ ކުދިން އުޅޭކަމަށްބުނެ އެޑިއުކޭޝަން މިނިސްޓްރީއަށް ވަނީ ސިޓީ ހުށައަޅާފައެވެ. އެހެންނަމަވެސް އެ ޢަދަދަށް ދަރިވަރުން ނޫޅޭކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެޑިއުކޭޝަން މިނިސތްރީން މިހާރު ނިންމާފައިވަނީ ދަރިވަރުން ސްކޫލްތަކަށް ވައްދާއިރު ފުރަތަމަ ސްކޫލް ހިމެނޭ ސަރަޙާއްދުގައި ދިރިއުޅޭ ދަރިވަރުންނަށް އިސްކަން ދިނުމަށެވެ. އަދި އެއަށްފަހު ސްކޫލް ސަރަޙައްދަށް ނިސްބަތްވާ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ދަރިންނަށެވެ. ތިންވަނަ އަށް އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ އެ ސްކޫލެއްގެ ދަޢިމީ މުދައްރިސުންގެ ދަރިންނަށެވެ.

މިގޮތަށް އުޞޫލް ބަދަލުކޮށްފައިވަނީ ސްކޫލު ހިމެނޭ ސަރަހައްދު ގައި އުޅޭ ވީހާ ވެސް ގިނަ ދަރިވަރުންނަށް އަންނަ އަހަރު ފުރުސަތު ދިނުމުގެ ގޮތުންނެވެ. އެ އުސޫލުގެ ދަށުން އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސްކޫލަކުން ޖާގަ ލިބުމުގެ ފުރުސަތު ކަށަވަރު ވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިނިސްޓްރީގެ މި ނިންމުމާއެކު ބައެއް ބެލެނިވެރިން ހިތްހަމަނުޖެހުނުނަމަވެސް މީގެ ކުރިން އެ ސަރަހައްދުތަކުގައި އުޅޭ ދަރިވަރުން ގެއާ ދުރު ސްކޫލްތަކަށް ދާން އުފުލި ތަކުލީފަށްބަލާއިރު މިއީ އެންމެ ރަނގަޅު ނިންމުމަށްވެސް ވެދާނެއެވެ.