ޚަބަރު

އޮޑިޓް އޮފީހުގެ ބަޖެޓެއްގެ ގޮތުގައި 64 މިލިޔަން ރުފިޔާ ދިނުމަށް ފާސްކޮށްފި


އަންނަ އަހަރުގެ އޮޑިޓަރ ޖެނެރަލް އޮފީހަށް 64 މިލިޔަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އޮޑިޓް އޮފީހުގެ މަސައްކަތްތަކާއި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 82 ވޯޓާއިއެކުއެވެ. މި ރިޕޯޓްގައި އަންނަ އަހަރަށް މި ބެޖެޓުން ޙަރަދު ކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލުވެސް ހިމަނާފައިވެއެވެ.

އަންނަ އަހަރަށް އޮޑިޓް އޮފީހުގެ ބަޖެޓެއްގެ ގޮތުގައި 64 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޮޑިޓަ ޖެނެރަލްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް 7 ލައްކަ ދުވަދިހަ ފަސްހާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް 438 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޮޓިޓް އޮފީހުގެ އެކި ދަތުރުތަކަށް 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން މުވައްޒިފުން ކަންކަން ހަމަޖައްސައި ފެންވަރު މަތިކުރުމުގެ ތަފާތު އެކި ޕްރޮގުރާމު ހިންގުމަށް 1 މިލިިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ޕެންޝަން ފައިސާގެ ގޮތުގައި 1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މިބަޖެޓްގެ ތެރެއިން ހަމަޖެހިގެންދާނެއެވެ.

މީގެ އިތުރުން މިއަހަރުގެ ފަހު ކުއަޓަރއިން ފެށިގެން އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް އިތުރުގަޑި ދިނުމަށް ނިންމާފައިވުމާއެކު، 2020 ގެ ބަޖެޓުގައި 1.2 (އެކެއް ޕޮއިންޓް ދޭއް) މިލިއަން އިތުރުގަޑީގެ މަސައްކަތައްދޭ ފައިސާގެ ގޮތުގައި ވަނީ ހިމަނާފައެވެ.

2020 ވަނަ އަހަރަށް ހުށަހަޅުއްވާފައިވާ ބަޖެޓް ނުލިބިއްޖެނަމަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެކަމަށް އެއޮފީހުން ވަނީ ވިދާޅުވެފައެވެ.