ޚަބަރު

ދީބާޖާ މައްސަލާގައި މިހާތަނަށް އެއްވެސް ބަދަލެއް ނުދެން - ފިނޭންސް މިނިސްޓަރ


ދީބާޖާ މައްސަލާގައި ބަދަލުގެ ގޮތުގައި މިހާތަނަށް އެއްވެސް އަދަދެއްގެ ފައިސާ ދައްކާފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ދީބާޖާ މައްސަލައަކީ ގެއްލުމުގެ ބަދަލުދޭންޖެހޭ މައްސަލަތަކުގެ ތެރެއިން ބޮޑު މައްސަލައެއްކަމަށެވެ. މިމައްސަލައަކީ ސްޕްރީމްކޯޓުގެ ހުކުމެއް އޮތް މައްސަލައަކަށް ވުމުން ދީބާޖާ އިންވެސްޓުމަންޓާއި ވާހަކަ ދައްކައިގެން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރަން ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.

"ދީބާޖާ މައްސަލާގައި އަޅުގަނޑުމެން މިހާތަނަށް ވަކިގޮތެއް ނިންމާ، އަދި އެއްވެސް ބަދަލެއް ދީފައިނުވާނެ. އެހެންނަމަވެސް އަޅުގަނޑުމެންނަށް މިކަމުގަވެސް އެބައޮތް ސްޕްރީމްކޯޓްގެ ހުކުމެއް. މިކަމުގައިވެސް އޮތީ އެފަރާތާއި ވާހަކަ ދައްކައިގެން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މލިއްޔަތު ކޮމެޓީގެ މެމްބަރުން ކުރިމަތި ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަުން ފިޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ބަދަލު އެއްވެސް އުސޫލެއްނެތި ކުރީގެ ސަރުކާރުތަކުން އެއްބަސްވުންތައް ބާތިލުކުރުމުން ބަދަލު ދޭން ޖެހުނު މައްސަލަތަކުގައި މިހާތަނަށް ސަރުކާރުން ބަދަލު ދީފައިވާނީ ޑަބްލިއުއެލްޓީ އަށް އެކަނިކަމަށެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާ އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލައިފައެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނިކޮށް އެ މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފައިވަނީ މުއްދަތު ހަމަވި ފަހުންކަމަށް ކަނޑައަޅާ ހައިކޯޓްގެ ހުކުމް ސުޕްރީމްކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި ދަށުކޯޓްގެ ނިންމުމަށް ތާއިދުކޮށް ދީބާޖާއަށް ބަދަލު ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމްކުރިއެވެ.

ދީބާޖާ މައްސަލާގައި އެ ކުންފުނީގެ ފަރާތުން ސުޕްރީމްކޯޓްގައި ވަކާލަތުކޮށްފައިވަނީ ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަލްހާން ފަހުމީގެ ލޯ ފާމުންނެވެ. އަދި މި މައްސަލަ ދީބާޖާއާއި އެއްކޮޅަށް ނިމިއްޖެނަމަ ދައުލަތުން ބަދަލުގެ ގޮތުގައި ދައްކަންޖެހޭ 348 މިލިއަން ރުފިޔާގެ ދެބައިކުޅަ އެއްބައި އެ ލޯފާމަށް ދޭންޖެހެއެވެ.

ރިސޯޓު ހެދުމަށް ރަށްތަކެއް ދޭން އެއްބަސްވުމަށް ފަހު އެ ރަށްތައް ހަވާލު ނުކުރި މައްސަލައިގައި، ވިލާ ގުރޫޕްގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް ޑަބްލިއުއެލްޓީ އަށް ދައުލަތުން ދައްކަންޖެހޭ 5.6 މިލިއަން ޑޮލަރު (130 މިލިއަން ރުފިޔާ ) ވަނީ ދައްކާފައެވެ.