ޚަބަރު

އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލަން ޖާގަ ދީގެން ނުވާނެ - އެމްއާރުއެމް


ޤައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދީގެން ނުވާނެކަމަށް އެމްއާރުއެމްއިން ބުނެފިއެވެ.

ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވާ އެމްއާރުއެމްއިން ޤައުމީ ދުވަހުގެ މުނާސަބަތުގައި ނެރުނު ތަހުނިޔާގެ މެސެޖެއްގައި ވަނީ ރާއްޖޭގައި ސުލްހަ މަސްލަހަތު ނަގާލުމަށް އެއްބައިވަންތަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށެވެ. އަދި ދިވެހި މުޖުތަމައުއަކީ އެކަކު އަނެކަކަށް ކަމޭހިތާ އެކަކު އަނެއްކަކަށް ޖާގަދޭ އެއްބައިވަންތަ ސަމާހަތްތެރި މުޖުތަމައަކަށް ހަދަންޖެހޭކަމަށްވެސް އެމްއާރުއެމުން ބުނެއެވެ.

" ޤައުމީ ދުވަހުގެ ހާދިސާއަކީ ކޮންމެ ރައްޔިތަކުވެސް އިބުރަތުގެ ނަޒަރަކުން ބަލައި ވިސްނަންޖެހޭފަދަ ހާދިސާއެއްކަމަށެވެ. ދިވެއްސަކަށްވީތީ މިކަމާއިމެދު ފަޙުރުވެރިވެ، ކޮންމެ މީހަކީވެސް ޤައުމަށްޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހޭކަމަށެވެ. ޤައުމަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާނެ ބަޔަކަށްވާން އަޒުމު ކަނޑައަޅަންޖެހޭ" އެމްއާރުއެމްގެ މެސެޖުގައިވެއެވެ.

ޤައުމީ ދުވަހުގެ ތަހުނިޔާ އެމްއާރުއެމްއިންވަނީ ދިވެހި ރައްޔިތުންނަށް އަރިސްކޮށް، މި ޤައުމު އަބަދުމެ މިނިވަންކަން މަތީ ބޭއްވުމަށް ދިވެހި ހުރިހާ ދަރިންވެސް އަޒުމްކަނޑައަޅާ ސާބިތުކަމާއިއެކު ތިއްބުމަށް ގޮވާލާފައެވެ.