ޚަބަރު

ސުޕްރީމްކޯޓަށް ފަޑިޔާރަކު ޢައްޔަންކުރުން މާދަމާ


ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޓީން ފޮނުވާފައިވާ މަހާޒާއި ދިޔާނާގެ ނަންފުޅާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަޤާމަށް ޢައްޔަންކުރުމަށް ރައީސް ފޮނުއްވެވި މަހާޒް އަލީ ޒާހިރާއި، ފާޠިމަތު ދިޔާނާ ސަޢީދުގެ ނަންފުޅު ދިރާސާކުރެއްވުމަށްފަހު ޖުޑިޝަރީ ކޮމެޓީން އެކުލާލި ރިޕޯޓް މިހަފްތާގެ ހޯމަދުވެހު ބޭއްވި ޖަލްސާއަށްވެސް އެޖެންޑާކޮށްފައެވެ. ނަމަވެސް އެދުވަހުގެ ޖަލްސާގައި ރިޕޯޓްއިއްވައި މިމައްސަލާގައި ވޯޓަށް އަހާފައިނުވެއެވެ.

އެދުވަހުގެ ޖަލްސާގައި މިމައްސަލާގައި ވޯޓަށް އަހާފައިނުވާ މައްސަލާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބަދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އާންމު ގޮތެއްގައި ކޮމެޓީ ތަކުގެ ރިޕޯޓްގެ މަސައްކަތް ގެންދަނީ 1 އާއި 1:30 އާ ދެމެދު ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ގަވާއިދު އޮތްގޮތުން ތަރުތީބުން ނޫންގޮތަކަށް ދެވެން ނޯންނަކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މިމައްސަލަ ބުދަދުވަހު ބާއްވާ ޖަލްސާއަށް އެޖެންޑާ ކުރައްވާނެކަމަށްވެސް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް ޢައްޔަންކުރެއްވުމަށް ފޮނުއްވި ދެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މަހާޒް ޢަލީ ޒާހިރަކީ ޑްރަގް ކޯޓުގެ ޤާޒީއެކެވެ. ދިޔާނާ ސަޢީދަކީ ކުރީގެ ބަންޑާރަ ނާއިބުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

ސްޕްރީމް ކޯޓްގެ ބެންޗަށް ބަދަލު ގެނެސްފައިވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް، ދެފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށެވެ. ސުޕްރީމް ކޯޓްގެ ފަނޑިޔާރުގެ މަޤާމު ހުސްވެފައިވަނީ ފަނޑިޔާރުކަމުގެ މަޤާމުން އަލްއުސްތާޛް ޢަބްދުﷲ ދީދީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.