ޚަބަރު

ޖަމްޢިއްޔާތައް ޒިންމާދާރުކުރެވޭނެ ހަމަތައް ބަޔާންކުރާ ބިލް މަޖިލީހަށް ހުށަހަޅައިފި


ޖަމްޢިއްޔާތައް ޒިންމާދާރުކުރެވޭނެ ހަމަތައް ބަޔާންކުރުމާއި، ޖަމްޢިއްޔާއެއް އުވާލެވޭނެ ގޮތްތައް ބަޔާންކުރާ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މިބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް ޢަލީއެވެ. މިބިލުގެ ފުތަމަކިޔުން މިއަދުގެ ޖަލްސާގައިވަނީ އިއްވާފައެވެ. މިބިލަކީ ކޮންމެ މީހަކަށްވެސް ލިބިދޭ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް ހެދުމުގެ ޙައްޤު ފުރިހަމަ ގޮތުގައި ލިބިދިނުމަށް އެކުލާލާފައިވާ ބިލެކެވެ. މިބިލުގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާގުޅޭ އުސޫލުތައް ބަޔާންކޮށް، ޖަމްޢިއްޔާތަކުގެ ޙަރަކާތްތަކަށް ފައިސާ ހޯދުމާއި، ދަރަންޏަށް ޒިންމާވުމާ ގުޅޭ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލުގައި ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި، ހިންގުމާގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިހާރު ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުމާއި ހިންގުމާ ގުޅޭގޮތުން ޢަމަލުކުރަމުން އަންނަ އުސޫލުތަކަށް 6 އިސްލާހެއް ވަނީ ހުށައަޅާފައެވެ. އޭގެ ތެރޭގައި މިބިލު ޤާނޫނަކަށް ވުމާއެކު ރާއްޖޭގައި ހިންގާ ހުރިހާ ޖަމްޢިއްޔާއެއް މިޤާނޫނުގެ ދަށަށް ބަދަލުކޮށް އަލުން ރަޖިސްޓްރީ ކުރަންޖެހެއެވެ. ޖަމްޢިއްޔާތައް ރަޖިސްޓަރީކުރުން ފިޔަވައި، ވަކި ބާވަތެއްގެ ޖަމްޢިއްޔާތައް ހިންގުމާގުޅޭ އުސޫލުތައް އެހެން ޤާނޫނެއްގައި ބަޔާންކޮށްފައިވާނަމަ، އެފަދަ ޖަމްޢިއްޔާތައް ހިންގުމާ ގުޅޭގޮތުން ޢަމަލުކުރާނީ އެ ޤާނޫނުގައިވާ ގޮތުގެމަތިންކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ދެ ޖަމްޢިއްޔާއެއް އެއްކޮށްލާނަމަ ޢަމަލުކުރަންޖެހޭނެ އުސޫލުތަކާއި، ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްޢިއްޔާއަކުން ދިވެހިރާއްޖޭގައި ޙަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، ޢަމަލުކުރަންވީ އުސޫލުތަކާއި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޢަމަލުކުރާ ޖަމްޢިއްޔާތަކާމެދު ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، މި ޤާނޫނުގައި މަނާކަމެއްކަމަށް ބަޔާކޮށްފައިވާ ކަމެއް ޖަމްޢިއްޔާއަކުން ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ ޢަމަލެއް ހުއްޓުވުމަށް ނުވަތަ ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމަށް އެންގުމުގެ ބާރު ޖަމްޢިއްޔާގެ ރަޖިސްޓްރާރަށް ދިނުމަށްވެސް މިބިލްގައި ހިމަނާފައިވެއެވެ.

ރާއްޖޭގައި މިހާރު ހިންގާ ޖަމްޢިއްޔާ ޖަމާއައްތައް ރަޖިސްޓްރީކޮށް ހިންގުމުގެ ހުއްދަ ދެމުންދަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުންނާއި، ޔޫތް މިނިސްޓްރީންނެވެ.