ޚަބަރު

ޒިޔަތުގެ މައްޗަށް ކުރާ 29 ދައުވާގެ ޝަރީއަތަށް އާ ހެކިތަކެއް


އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ 29 ދައުވާއެއް ސާބިތުކުރުމަށް އާ ހެކިތަކެއް ހުށައެޅުމުގެ ފުރުސަތަށް ދައުލަތުން އެދިއްޖެއެވެ.

އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާއި ފަޅުތަކުން އެކްއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު ފައިސާއަށް ހިޔާނާތް ވުމުގެ ކުށުގައި ޒިޔާތުގެ މައްޗަށް 30 އަށްވުރެ ގިނަ ދައުވާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން 29 ދައުވާއެއް ކުރިއަށް ގެންދަނީ އެއްކޮށެވެ.

އެ ދައުވާތަކާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ މައްސަލަތަކާ ގުޅިގެން އާ ހެކިތަކެއް މިހާރު ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެމްޕީއާރުސީ އިން ދޫކުރި ރަށްތަކުން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ އެސްއޯއެފް ކުންފުނީގެ އިސް ދެ މީހުން ކަމަށްވާ އިޝްފާހް އަލީ އާއި މުހައްމަދު އައްލާމް ހިމެނޭތީ އެ ދެމީހުން ހެކިންގެ ހެކިބަސް ނަގަން ބޭނުންވާ ކަމަށް ދައުލަތުގެ ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ފޮރެންސިކް އެއް ހެކި ހުށައަޅަން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް ޝަރީއަތުން ނިންމީ އެ ހެކިތައް ބަލައިގަތުމާމެދު ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ގޮތެއް ނިންމުމަށެވެ.

ޒިޔާތުގެ ދިފާއީ ވަކީލު އަހްމަދު ޔާމިން ވިދާޅުވީ އާ ހެކިންގެ ގޮތުގައި ހުށައަޅާފައިވާ ހެކިންނަކީ މީގެ ކުރިން އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ މީހުން ކަމަށް ފުލުހުން ވިދާޅުވެފައިވާ ކަމަށެވެ. އަދި އެމީހުންނަކީ ކުށުގެ ތުހްމަތު ކުރެވޭ މީހުން ކަމަށްވާއިރު އެމީހުންނަށް ހެކިންގެ ދަރަޖަ ދެވިދާނެތޯ ޔާމިން ސުވާލު އުފެއްދި އެވެ. ޒިޔާތު އާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ އެހެން މައްސަލައެއްގައި އެމްއެމްޕީއާރުސީގެ ބޯޑުގެ ނިންމުމެއް ހުށައަޅާފައިވާއިރު އެ ލިޔުން މި މައްސަލައިގައިވެސް ލިބޭނެ ގޮތެއް ހައްދަވާ ދެއްވުމަށް ޔާމިން އެދިވަޑައިގަތުމުން ވަނީ އެ ލިޔުން ޝަރީއަތް މެދުވެރިކޮށް އެރުވުމަށްވެސް ނިންމާފައި އެވެ.

މީގެ ކުރިން މި މައްސަލައިގައި ސިއްރުން ހެކިބަސް ނެގުމަށް ހުށައަޅާފައިވާ މީހެއްގެ ހެކިބަސް މިހާރު ފާޅުގައި ނެގުމަށް ވެސް ދައުލަތުން މި ޝަރީއަތުގައި ވަނީ ހުށައަޅާފައި އެވެ. އެގޮތައް ހުށައެޅީ މިހާރު އެމީހުންގެ ހެކިބަސް ސިއްރުން ނަގަން ޖެހޭ ހާލަތެއް ނެތުމުން ކަމަށާއި ސިއްރުން ހެކިބަސް ނަގާދޭން އެދިފައިވާ އެހެން މީހުންގެ ހެކިބަސްވެސް ފާޅުގައި ނެގުމާމެދު ޕީޖީ ގޮތެއް ނިންމާނެ ކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި ކުރިން ސިއްރު ހެކިންގެ ގޮތުގައި ހުށައެޅި މީހުންގެ ހެކިބަސް ސިއްރު ނުކުރާނަމަ އެމީހުން ފުލުހުނަށް ދީފައިވާ ބަޔާންތައްވެސް ޒިޔާތުއަށް ދިނުމަށް ވަނީ ޝަރީއަތުން ނިންމާފައި އެވެ.

މި ދައުވާތައް އަދީބުގެ މައްޗަށް އުފުލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި އެވެ. ގިނަ ދުވަސްތަކަކަށްފަހު ބޭއްވި މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މައްސަލަ ލަސްވެފައިވަނީ ދައުލަތަށް ހެކިން ހާޒިރުކޮށް ނުދެވިގެންނާއި މައްސަލަ ދިރާސާ ކުރަން ކަމަށްބުނެ ވަގުތު ބޭނުން ވެގެން ކަމަށެވެ.