ސަރުކާރުން 3 ރަށެއްގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ބިންގާ އަޅައިފިއެވެ.
ރ.ވާދޫއާއި ނ.ލަންދޫއާއި މަގޫދޫގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަކުގެ ބިންގާ އަޅުއްވާދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރެވެ.
މި މިސްކިތްތަކުގެ ތެރެއިން ރ.ވާދޫގެ މިސްކިތުގެ މަސައްކަތް ކުރުމަށް އެސްކޮން ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. މި މިސްކިތަކީ 300 މީހުންގެ ޖަގައިގެ މިސްކިތެކެވެ.
ވާދޫގެ މިސްކިތް ބިނާކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި ޕްރޮޖެކްޓަށް ދައުލަތުގެ ބަޖެޓުން 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
ނ.ލަންދޫގެ މިސްކިތް ޢިމާރާތްކުރުމަށް މާރިސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ މިމަހުގެ 21ވަނަ ދުވަހުއެވެ. ދައުލަތުގެ ބަޖެޓުން 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މިމިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މަސައްކަތް 210 ދުވަސްތެރޭ ނިންމަންޖެހެއެވެ.
އެ އަތޮޅު މަގޫދޫގައި އިމާރަތްކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެވެ. 165 ދުވަހުގެ ތެރެރޭ މަސައްކަތް ނިންމުމަށް ޙަވާލުކޮށްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތަށްވެސް ދައުލަތުގެ ބަޖެޓުން 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
އިސްލާމިކް މިނިސްޓްރީން އަންނަނީ އަތޮޅުތަކުގައި މިސްކިތް ބޭނުންވާ ރަށްރަށުގައި މިސްކިތް އިމާރާތްކުތުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މިހާތަނަށް މިވަނީ 4 މިސްކިތެއްގެ ބިންގާ އަޅާފައެވެ.