ސިޔާސީ

ރައީސް ނަޝީދު ނުހިމެނޭގޮތަށް އެމްޑީޕީން ސަރުކާރާއެކު މަޝްވަރާއަށް


ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ރައީސް ނަޝީދު ނުހިމެނޭގޮތަށް ބައިވެރިވުމަށް އެމް.ޑީ.ޕީން ނިންމައިފިއެވެ.ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއަށް މަޢުލޫމާތުދެއްވަމުން އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ، އެޕާޓީން އެގޮތަށް ނިންމާފައިވަނީ ރައީސް ނަޝީދާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ސަރުކާރާއެކު ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަށް ހުއްޓުމަކަށް އަންނަން އެމް.ޑީ.ޕީން ބޭނުން ނުވާކަމަށް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ. އަދި އެގޮތަށް ނިންމާފައިވަނީ އެކަމަކީ މިވަގުތު އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް އެޕާޓީން ދެކޭތީކަމަށް އޭނާ ވިދާޅުވިއެވެ.ސަރުކާރުން އިސްވެ އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާ ކުރުމަށް ދައުވަތު ދެއްވާފައިވާއިރު އެއްވެސް ޝަރުތަކާ ނުލައި ސަރުކާރުގެ ދައުވަތަށް އިޖާބަދެއްވާފައިވަނީ ޖުމްހޫރީ ޕާޓީން އެކަންޏެވެ. ޖުމްހޫރީ ޕާޓީއާއެކު ސަރުކާރުންވަނީ މަޝްވަރާތަށްވެސް ފަށާފައެވެ.އަދާލަތު ޕާޓީއާ އެކު މަޝްވަރާތަށް ނުކުރެވި މަޑުޖެހިފައިވަނީ އެޕާޓީން މަޝްވަރާ ކުރުމަށް އެކުލަވާލި ކޮމިޓީގައި ހިމެނޭ އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކޯޓު އަމުރަކާ ގުޅިގެން ބަންދުގައި ހުރުމުގެ ސަބަބުންނެވެ. އެހެންނަމަވެސް މީހަކު ނެތުމަކީ މަޝްވަރާތަށް މަޑުޖެހެންވީ ސަބަބެން ނޫންކަމަށް ސަރުކާރުން ދެކެއެވެ. އިދިކޮޅު ފަރާތްތަކާ މަޝްވަރާ ކުރުމަށް އެކުލަވާލި ޓީމުގައި ރައީސް ޔާމީންގެ ކެބިނެޓުގެ މިނިސްޓަރުން ހިމެނޭ ކޮމިޓީތަށް ވަނީ އެކުލަވާލައްވާފައެވެ.ރައީސް ޔަމީން ވިދާޅުވެފައިވަނީ މަޝްވަރާ ކުރެވޭނެ ކަންތައް ވާންޖެހޭނީ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކަކަށް ކަމަށާއި، ޤާނޫނީ އިމުގެ ބޭނުން ކަންތައްތަކެއް ކުރުމަށް ސަރުކާރަށް ގޮވާލާ ގޮވާލުމަށް އިޖާބަ ނުދެއްވާނެކަމަށެވެ.މަޝްވަރާ ކުރުމަށް ސަރުކާރުން ހުށައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި، ސިޔާސީ ދާއިރާގައި އުފެދިފައިވާ ޚިޔާލުތަފާތު ވުންތަކާއި ނުތަނަވަސްކަން ނައްތާލުމަށް ޤާނޫނީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރުމާއި، ދިމުޤްރާތީ ނިޒާމާއި، ޝަރުޢީ އަދި ދުސްތޫރީ ނިޒާމް ހަރުދާނާ ކުރުމާއި، އިޖްތިމާޢީ ކަންކަމާއި، ސިޔާސީ އަދި އިޤްތިޞާދީ ކަންކަން ކުރިއެރުވުން ހިމެނެއެވެ.