ޚަބަރު

ދީނަށް ނަޞްރު ދެއްވައި ހައްޤު މަގުގައި ރައީސް ހުންނަވާނެކަމުގެ ޔަޤީންކަން އެބައޮތް - ޝައިޚް އިލްޔާސް


އިސްލާދީން ހިމާޔަތްކޮށް ނަސްރު ދެއްވުމުގައި، ހައްޤު މަގުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލި ހު ހުންނަވާނޭ ކަމުގެ ރުފިހަމަ އިތުބާރު އެބައޮތް ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

"ލޮބުވެތި ނަބިއްޔާ" ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ދަރުސްގައި ޝެއިޚް އިލްޔާސް ވިދާޅުވީ އިސްލާމްދީނަށް ނަސްރު ދެއްވައި ދީނުގު ހިމާޔަތުގައި ވަލިއްޔުލް އަމްރު ހުންނަވަނޭކަމުގެ އިތުބާރު އެބައޮތްކަމަށެވެ. އިސްލާމްދީނާއި މާތް ރަސޫލާއަށް ރުފައްސާރަކޮށް ހަޖޫޖެހުމަކީ އެއްވެސް މުސްލިމަކު ބަލައިގަންނާނޭ ކަމެއްނޫންކަމަށްް ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ދީނާއި ޚިލާފަށް އުފެދޭ މިފަދަ ޝުއޫރުތަކާއި އަޑުތަކަކީ މި ޤައުމުގެ ވަލިއްޔުލް އަމްރުގެ މަޤަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ޖާގަ ދެއްވާނޭ ކަންތައްތަކެއް ނޫންކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާއާއި، ނައިބް ރައީސްއާއި، ވަޒީރުންނާއި، މަޖިލިސް މެމްބަރުންނާއި، ސިފައިންނާއި، ފުލުހުންވެސް ﷲ ގަންދީ ކޮށްގެން ތިއްބެވި ހުވަޔާއި ޚިލާފްނުވާނޭކަމުގެ އުންމީދު އެބައޮތްކަމުގައިވެސް ޝައިޚް އިލްޔާސް ވިދާޅުވިއެވެ.

މިދަރުސްގައި ޝައިޚް އިލްޔާސް ވަނީ އިސްލާމީނުގެ އަދުއްވުން ކުރާ މިފަދަ ދަށުދަރަޖައިގެ ކަންތައްތަކަށް ކަމާއިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސް ކުރައްވާފައެވެ. ދީނާއި ޚިލާފަށް މާތް ރަސޫލާއަށް ފުރަސާރަކޮށް ހިންގޭ މިފަދަ އަމަލުތަކަކީ ނަސްރުލިބޭނެ ކަންތައްތަކެއް ނޫންކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

އިސްލާމްދީނާއި މާތް ރަސޫލާއަށް ބަދުބަސްބުނެ ފުރައްސާރަކުރުމަކީ މި ލޮބުވެތި އުންމަތުގެ ކޮންމެ މުސްލިމެއްގެވެސް ލޭކެކި ޝުއޫރުތައް ބަންޑުންވާނެކަމެއްކަމަށާއި، ނަމަވެސް އެއެއްވެސް ކަމެއް ހައްދުން ނެއްޓި ޤައުމުގެ ހަމަޖެހުން ގެއްލޭގޮތަށް ވުމަކީ ރަގަޅު ގޮތެއް ނޫންކަމަށް ޝައިޚް އިލްޔާސް ވިދާޅުވިއެވެ. އިސްލާމްދީނާއި، މުސްލިމުންނަކީ ސުލްޙަވެރިކަމާއި، އަމާންކަމަށް ލޯބިކުރާ ދީނަކަށްވާއިރު، ހަމަނުޖެހުމާއި، މަސްލަހަތު ނަގާލުމަކީ މިދީން ބާރުއަޅާ ކަމެއް ނޫންކަމަށް އިލްޔާސް ވިދާޅުވިއެވެ. އެހެންކަމުން މިހާލަތުގައިވެސް އެއްވެސް ރައްޔިތަކު ޝުއޫރު ފާޅުކުރުމުގެ ނަމުގައި ހަމަޖެހުން ނަގާލައި، މީސްމީހުންނަށް މަރުގެ އިންޒާރުދީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭފަދަ ކަންކަން ކުރުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޝައިޚް އިލްޔާސް މި ދަރުސް ދެއްވާފައިމިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި ގިނަބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުލުހުން ވަނީ އެރިޕޯޓުގައި ދީނަށް ފުރައްސާރަކޮށްފައިވާކަން ޔަގީންވެފައިވާތީ އެރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅައިދިނުމަށް ކަމާއިގުޅުންހުރި ފަރާތްތަކަށް ފޮނުވާފައެވެ.