ޚަބަރު

ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ޤާނޫނާއި ޚިލާފް އެތައް ނިންމުމެއް ސިވިލް ސަރވިސް ކޮމިޝަނުން ނިންމި - ރޮޒައިނާ


ޤާނޫނު އަސާސީގެ ދަށުން ލިބޭ އެތައް ޙައްޤެއް ނިމިދިޔަ 5 އަހަރެއްގެ ތެރޭގައި ސިވިލްސަރވިސް ކޮމިޝަނުން ހިފަހައްޓާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއިބެހޭ ކޮމިޓީގެ މުޤައްރިރު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ސިވިލްސަރވިސް ކޮމިޝަނަކީ ސިވިލްސާވަންޓުންގެ ޙައްޤު ކަށަވަރު ކުރަން މަތިކޮށްފައިވާ މުވައްސަސާކަމަށެވެ. އަދި އެ މުވައްސަސާއިން ސިވިލްސާވިސްގެ ހުރިހާ މުވައްޒިފުންނާއިމެދުވެސް އަމަލުކުރަންޖެހޭނީ ޤާނޫނު އަސާސީއާއި ސިވިލްސަރވިސްގެ ޤަވާއިދުގެ ތެރެއިންކަމަށެވެ. އެއްވެސް ޤަވާއިދެއް ޤާނޫނު އަސާސީއާއި ތަޢާރުޒްވާ ގޮތަށް ހެދުމަކީ ވަކި ކަންތައްތަކެއް ހާސިލްކުރަން ކުރެވޭ ކަމެއްގެ ގޮތުގައި ރޮޒޭނާ ވަނީ ސިފަކުރައްވާފައެވެ.

ސިވިލްސަރވިސް ކޮމިޝަނުން ފާއިތުވެދިޔަ 5 ވަރަކަށް އަހަރުގެ ތެރޭގައި މަޤާމުތަކުން ވަކިކޮށްފައިވާ މުވައްޒަފުންނާއި، އޮފީސްތަކުގެ ބައެއް ޕާމަނަންޓް ސެކްރެޓެރީންނާމެދު އަމަލުކޮށްފައިވަނީ ވަރަށް ނާއިންސާފުންކަން ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކިއެކި ސަބަބުތައް މަތިކޮށް މަޤާމުތަކުން ވަކިކުރާ ފަރާތްތަކަށް އެމައްސަލަތަކުގެ ދިފާއުގައި އެއްވެސް ކަމެއް ނުކުރެވޭގޮތަށް ކަންކަން ކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ޖިނާއި ތުހުމަތު ކުރެވޭކަމަށްބުނެ ވަޒީފާތަކުން ވަކިކޮށްފައިވާ މުވައްޒަފުންގެ މައްސަލަތައް ފުލުހުންނަށް ހުށައަޅާފައިނުވުމަކީވެސް ސިވިލްސަރވިސް ކޮމިޝަނުން ނިންމާފައިވާ މިފަދަ މައްސަލަތަކާމެދު ސުވާލުއުފެދޭ ކަމެއްކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކުގެ ތުހުމަތު ސިވިލްސަރވިސް ކޮމިޝަނުގެ މައްޗަށް ކުރެވިފައިވާއިރު އެ ކޮމިޝަނުގެ މިހާރުގެ ނާއިބް ރައީސް ޝަހީދު މުޙައްމަދުގެ މެމްބަރުކަމުގެ ޝަރުތު ހަމަނުވާ މައްސަލަ މިނިވަން މުވައްސަސާތަކާއިބެހޭ ކޮމެޓީންދަނީ ބަލަމުންނެވެ. މީގެ އިތުރުން އެކޮމިޝަނުގެ 4 މެމްބަރަކު މަޤާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ މައްސަލައެއްވެސް ކޮމިޓީންދަނީ ބަލަމުންނެވެ. ކޮމިޓީން ބަލަމުންދާ މި މައްސަލާގައި ހިމެނެނީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ނާއިބު ރައީސް ޝަހީދު މުޙައްމަދާއި މެމްބަރު ޒަކަރިއްޔާ ޙުސައިނާއި އިބްރާހިމް ޝަހީގެވެ.