ޚަބަރު

2020ވަނަ އަހަރުގެ ބަޖެޓް: ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ


ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ކަންސިލްތަކަށް 1.6 ބިލިއަން ރުފިޔާ ދިނުމަށް 2020ވަނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅައިފިއެވެ.

2020ވަނަ އަހަރުން ދައުލަތުން ހުށަހެޅި ބަޖެޓްގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ޚާއްސަ އިސްކަމެއް ދީފައިވޭ ކައުންސިލްތައް ބާރުވެރި ކުރުވައި އަމިއްލަ ފައިމައްޗަ ތެދުވެ މާލީ ބާރުވެރިކަމާއިއެކު ހިންގޭނެ ގޮތްވަނީ ތަނަވަސްކޮށްދީފައެވެ. އެގޮތުން 2020 ވަނަ އަހަރު ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މިއީ 2019ވަނަ އަހަރުގެ ބަޖެޓުގައި ފާސްކުރި 656 މިލިއަން ރުފިޔާއަށްވުރެ 2.4 ގުނަ އިތުރު އަދަދެކެވެ.

ކައުންސިލްތަކަށް ހިލޭ އެހީ ދޫކުރަން ފެށުމުން، ހުރިހާ ކައުންސިލަކަށްވެސް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ވިދާޅުވީ މި ބަދަލާއި ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ ބައެއް މަސައްކަތްތަކާއި މިނިސްޓްރީ ތަކުގެ ދަށުން ހިނގާ ކުދި މަޝްރޫޢުތައް ކައުންސިލްތަކުގެ ދަށަށް ގެންދެވޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްވެގެންދާނެކަމަށެވެ.

"ދިވެހިންނަށް ގުދުރަތީގޮތުން ރޯދި ކުރައްވާފައިވާ މުއްސަނދި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެމެހެއްޓެނިވި، ފުދުންތެރި އަދި ޖަޒީރާވަންތަ ތަރައްޤީގެ މަންޒިލަކާ ހަމައަށް ވާސިލްވާން ސަރުކާރުން ވާނީ ސިޔާސަތުތަކެއް އެކުލަވާލާފަ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ސިޔާސަތަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވައި، މައުނަވީ ގޮތެއްގައި ވަސީލަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިނުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިގޮތުން، ޖެނެރަލް ލެޖަރގެ ކޯޑު ލެވަލްގައި ބަޖެޓުކޮށްގެން ކައުންސިލްތަކަށް ފައިސާ ދޫކުރުން ހުއްޓާލައި، ކައުންސިލްތަކަށް ޚަރަދުކުރުމުގައި އިތުރު މިނިވަންކަން ލިބޭގޮތަށް "ބްލޮކް ގްރާންޓް" ނުވަތަ ހިލޭ އެހީ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ކައުންސިލްތަކަށް ދޭ ހިލޭ އެހީގެ ޖުމްލަ މިންވަރަކީ ޑޮމެސްޓިކް ރެވެނިއުގެ 5 އިންސައްތައިގެ އިތުރުން، ބިމާއި، ރަށްރަށާއި، ފަޅާއި ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ ޢާމްދަނީގެ %40 އެވެ. މީގެ އިތުރުން، ކައުންސިލްތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީ ގެ ގޮތުގައި ލިބޭ އާމްދަނީ އެއީ ކައުންސިލްތަކަށް ލިބޭ އާމްދަނީގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.

"މި ބަޖެޓު ވެގެންދާނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަގުފަހިކޮށްދޭ، ރައްޔިތުންނަށް ބުރަބޮޑުނުވާނެ ފަދަ އުސޫލުތަކެއްގެ މަތިން، ޖަޒީރާ ދިރިއުޅުމަކަށް މަގުކޮށައިދޭ ބަޖެޓަކަށް. މިއީ ދިވެހި ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޖުމްލަ ބަޖެޓު ނަންބަރެއްގެ ބަދަލުގައި، ބަޖެޓު ބައިކުރެވޭ ގޮތް ނުވަތަ އެޕްރޮޕްރިއޭޝަން ސްޓްރަކްޗަރއެއް މި އިއްޒަތްތެރި މަޖިލީހުން ފާސްކުރަން ހުށަހަޅާ ފަހަރު." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

2020ވަނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 37,504,493,680 (ތިރީސް ހަތް ބިލިއަން ފައްސަތޭކަ ހަތަރު މިލިއަން ހަތަރު ލައްކަ ނުވަދިހަ ތިންހާސް ހަސަތޭކަ އަށްޑިހަ ރުފިޔާ). ގެ ބަޖެޓެކެވެ.