އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބަޖެޓުގައި ލޯނު ސްކީމަށާއި ހިލޭ ފަސްޓްޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 750 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
މިއީ މަތީ ތަޢުލީމަށް ކުރާ ހޭދަ އެންމެ ބޮޑު ބަޖެޓެވެ.
އަންނަ އަހަރަށް ދަޢުލަތުން ލަފާކޮށް ހުށަހެޅި ބަޖެޓުގައި ތަޢުލީމީ ދާއިރާއަށް ވަނީ 4412 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. މީގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 3794 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ސްކޮލަރޝިޕް އަދި ތަމްރީން ޕްރޮގްރާމްތަކަށް %21ވަނީ ކަނޑައަޅާފައެވެ. މުވައްޒަފުންނަށް ހިނގާ ޚަރަދުގެ ގޮތުގައި %56 ކަނޑައަޅާފައިވާއިރު އެހެނިހެން ރިކަރަންޓް ޚަރަދުގެ ގޮތުގައި %23ވަނީ ކަނޑައަޅާފައެވެ.
އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގައި މަތީ ތަޢުލީމަށް ހުށައަޅާފައިވާ ބަޖެޓަކީ މީހާތަނަށް ހުށައެޅި އެންމެ ބޮޑު ބަޖެޓެވެ. އެގޮތުން ލޯނު ސްކީމަށާއި ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 750 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
2020ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި އެއް ދަންފަޅިއަށް ކިޔަވައިދިނުމަށް ބޭނުންވާ ކްލާސްރޫމުތަކާއި ވަސީލަތްތައް ގާއިމުކުރުމަށް، ރާއްޖޭގެ 104 ރަށެއްގައި މަޝްރޫޢުތައް ހިންގުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އަތޮޅުތަކުގައި ތަޢުލީމީ އިންފްރަސްޓްރަކްޗަރ ޤާއިމްކުރުމަށް 330މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލް ޢިމާރާތްކުރުމަށް 65 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު ހުޅުމާލޭގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސްކޫލަށް 54 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި ސީ.އެޗް.އެސް.އީ ގެ 8 ފަންގިފިލާގެ ޢިމާރާތް އެޅުމަށް 22 މިލިޔަން ރުފިޔާވަނީ ބަޖެޓުގައި ކަނޑައަޅާފައެވެ.
މާލެއާއި ފުވައްމުލައް ސިޓީގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް އިންސްޓިޓިއުޝަންތައް ޤާއިމްކުރުމަށް 27 މިލަން ރުފިޔާ ކަނޑައަޅާފައިވާއިރު 35 މިލިޔަން ރުފިޔާ ކަނޑައަޅާފައިވާނީ މެޑިކަލް ސްކޫލް ޤާއިމްކުރުމަށެވެ. މީގެ އިތުރަށް، ސްކޫލު ނާސްތާގެ މަޝްރޫޢު ކުރިއަށް ގެންދިއުމާއި، ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމާއި، ޓެކްނޮލޮޖީގެ އެހީގައި ތައުލީމީ ދާއިރާގެ ވަސީލަތްތައް ކުރިއެރުވުމަށް ހޭދަކުރުން މި ބަޖެޓުގައި ވަނީ ހަމަނާފައެވެ.
ރާއްޖޭގެ ރައްޔިތުންނަށް އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ އެހީތައް ދިނުމުގައި ހަމަހަމަ އުސޫލެއް ޤާއިމްކުރުމަށް މި ބަޖެޓުގައި އިސްކަންދީފައިވާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.