ޚަބަރު

ރައީސް ޢަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފި


އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތަޙްޤީޤަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފުލުސް އޮފީހަށް ޙާޒިރުކޮށްފިއެވެ.

ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރުފަހު 2 ޖެހިއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ފުލުހުން ބަލަމުންދާ މައްސަލައިގެ ތަޙްޤީޤަށެވެ. ރައީސް ޔާމީންވަނީ މީގެ ކުރިންވެސް 2 ފަހަރެއްގެ މަތިން ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ތުހުމަތުގެ ޝަރީޢަތް މިހާރު ކޯޓްގައި ދަނީ ކުރިއަށެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ޝަރީޢަތުގެ ހުކުމްކުރުން ވަނީ މާދަމާއަށް ތަޢާވަލުކޮށްފައެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދަޢުވާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އެސްއޯއެފް ކުންފުނިން އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުން އެފައިސާއަކީ އަމިއްލަ ފައިސާކަމަށް ބުނެ އޭސީސީއާއެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރި މައްސަލާގައެވެ.