ޚަބަރު

ކުރިމިނަލް ކޯޓުގެ އިސްޤާޒީ އަޙްމަދު ހައިލަމް ސަސްޕެންޑު ކޮށްފި


ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމްއާ ގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަމުންދާ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާ ސަސްޕެންޑްކުރަން ނިންމައިފިއެވެ.

އޭނާ ސަސްޕެންޑް ކޮޮށްފައިވަނީ ނަސްރުގެ ދުވަހުގެ ތަހްނިޔާގެ މެސެޖެއްގެ ގޮތުގައި ފޮނުއްވި ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާ ދަމާފައި ގެންދާތަން ދައްކުވައިދޭ ކުރެހުމެއް ގާޒީ އަހްމަދު ހައިލަމް ވައިބަރ ގުރޫޕަކަށް ފޮނުއްވި މައްސަލަ ބަލަމުންދާތިއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައިލަމްގެ ސުލޫކީ މައްސަލަ ބަލަން ނިންމައި އެ ކޮމިޝަނަށް ހާޒިރުވުމަށް އެންގުމުން އެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެވަޑައިގަންނަވާކަން ސިޓީއަކުން ހައިލަމް އަންގާފައިވާ ކަމަށެވެ. ހައިލަމް ސަސްޕެންޑް ކުރުމަށް ކޮމިޝަނުން ނިންމެވި ސަބަބު ބަޔާންކޮށް ޖޭއެސްސީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނަށް ހާޟިރުނުވުމަށް ހައިލަމް ދީފައިވާ ސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ޤަބޫލުކުރެވޭފަދަ ސަބަބެއް ނޫން ކަމަށެވެ.

ޖޭއެސްސީއަށް ހާޒިރުވުމަށް ހައިލަމްއަށް އަންގައި ފޮނުއްވި ނޯޓިސް އާ ގުޅިގެން ހައިލަމް ފޮނުއްވި އެ ސިޓީގައި އެ މައްސަލައިގައި ކަންތައްތައް ހިނގާދިޔަ ގޮތް ރޭގައި އޭނާ ނެރުއްވި ނޫސްބަޔާނުގައި ތަފްޞީލުކޮށް ވިދާޅުވެފައިވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. އެހެން ކަމުން ހައިލަމް ނެރުއްވި އެ ބަޔާނަކީ އެ ކޮމިޝަނަށް ދޭންބޭނުންވާ މަޢުލޫމާތުކަމާއި، އަދި އެއީ މި މައްސަލައާ ގުޅޭގޮތުން ކޮމިޓީއަށް ހޯދުނު އޭނާގެ ބަހެއްކަމަށް އެ ކޮމިޝަނުން ނިންމި ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ހައިލަމް ސަސްޕެންޑް ކުރުމަށް ނިންމީ އޭނާގެ މައްސަލަ ބަލަމުންދާއިރު މަސައްކަތަށް ނުކުމެ އުޅުމަކީ އެ މައްސަލައިގެ ޒާތުން ޝަރުޢީ ދާއިރާގެ އިތުބާރު ގެއްލިދާނެ ޒާތުގެ މައްސަލައެއްކަމަށް ބެލެވިގެން ކަމަށްވެސް ވިދާޅުވެފައިވެއެވެ. ހައިލަމް ސަސްޕެންޑް ކުރުމަށް ނިންމީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު ގެ 25 ވަނަ މާއްދާގެ (ށ) ގެ ދަށުން 60 ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގިދާނެ ކަމަށް ބަޔާންކުރާ މާއްދާގެ ދަށުން ކަމަށްވެސް ބަޔާންކޮށްފައިވެއެެވެ.

ހައިލަމް ސަސްޕެންޑް ކުރުމަށް ނިންމި ޖޭއެސްސީގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެ ކޮމިޝަނުގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޢަރީފުއެވެ.