ރައީސުލްޖުމްހޫރިއްޔާގެ
ނާއިބު މުހައްމަދު ޖަމީލު އަހުމަދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް
މަޖިލީހުން ނަގައިފިނަމަ އެމަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކަށް
ޕީޕީއެމްގެތެރެއިން މިހާރު ފެންނަންހުރީ ޓޫރިޒަމް މިނިސްޓަރ އަދި އިކޮނޮމިކް
ކައުންސިލްގެ ކޯޗެއަރ އަހުމަދު އަދީބުކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ
އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމަށް
ރޭ ދެއްވި ޚާއްސަ އިންޓަވިއުގައި، ނާއިބު ރައީސުގެ މައްޗަށް އިތުބާރު ނެތްކަމުގެ
ވޯޓަށްފަހު އެމަގާމަށް ދެން އެންމެ އެކަށީގެންވާ ފަރާތަކީ ކޮބައިތޯ ޕީއެސްއެމްގެ
ރިޕޯޓަރ ސުވާލުކުރުމުން ނިހާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެކަމުގައި
ނިންމަވާނެގޮތެއް އެނގިވަޑައިގެންފައިނުވާކަމަށާއި އެކަމަކު އެފަދަ ބޭފުޅަކަށް
ނަޒަރު ހިންގާނަމަ އަބަދުވެސް ރައީސުލްޖުމްހޫރިއްޔާގެ އެންމެ އަރިސްކޮށް، ސަރުކާރުގެ
ހުރިހާ މަސައްކަތްޕުޅުތަކެއްގައިވެސް ފެންނަމުންދަނީ ޓޫރިޒަމް މިނިސްޓަރ އަހުމަދު
އަދީބުކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް ހުންނަވައިގެން
ރައީސުލްޖުމްހޫރިއްޔާއަށް އެހީތެރިވެވަޑައިގެން ރާއްޖޭގެ ތަރައްގީގެ ދުވެލި
މާހަލުވި ދުވެލީގައި އާ އުސްމިންތަކަކަށް ގެންދަވާނެ ފުރިހަމަ ގާބިލްކަން ހުރި
ބޭފުޅަކަށް އަދީބުވާނެކަމީ އެއްވެސް ޝައްކެއްނެތްކަމެއްކަމަށާއި، އެކަން
މިހާރުވެސް އެމަނިކުފާނު ސާބިތުކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ.
ނިހާން
އަދީބުގެ މިސާލު ނެންގެވީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ސިޔާސީ
ހަޔާތްޕުޅުންނެވެ. ނާސިރު ހަލުވިކަމާއެކު ހޯއްދެވި ސިޔާސީ ކާމިޔާބުތަކާއި
އަޅާބަލާއިރު އަދީބު ހޯއްދަވަމުންގެންދަވާ ކާމިޔާބުތައް ވަކިތަފާތެއް ނެތްކަމަށް
ވިދާޅުވިއެވެ.
ނިހާން
ވިދާޅުވީ ނާއިބު ރައީސެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާއަށް ދެއްވަންޖެހޭ
ފުރިހަމަ އެއްބާރުލެއްވުމާއި އިޚްލާސްތެރިކަމާއި ވަފާތްތެރިކަން އަދީބު
ދައްކަވާނެކަމާއިމެދު ނުވަދިހަ ނުވައެއް ޕޮއިންޓް ނުވައެއް ނުވައެއް އިންސައްތަ
ޔަގީންކަން އޭނާއަށް އޮތްކަމަށެވެ. އެޔަގީންކަން ޕީޕީއެމް/އެމްޑީއޭ ޕާލަމެންޓް
މެމްބަރުންނަށްވެސް އަދީބާއިމެދު އޮތްކަމަށް ވިދާޅުވިއެވެ.