ޚަބަރު

ރައީސް ޔާމިނަށް ހުކުމް ކުރަން އޮތް ޝަރީއަތް ކެންސަލް


ކުރީގެ ރައީސް އަބްދުﷲ ޔާމިން ޢަބްދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ކުށުގެ ދައުވާގެ މައްސަލައިގެ ހުކުމްކުރަން ބާއްވަން އޮތް ޝަރީއަތުގެ މަޖިލިސް ކެންސަލްކޮށްފިއެވެ.

މިއަދު މެންދުރު 13:00 ގައި ބާއްވަން އޮތް އެ ޝަރީއަތް ކެންސަލް ކުރީ މައްސަލަ ބެއްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ހައިލަމްއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން މަސައްކަތައް ނުނިކުމެވޭ ގޮތައް އޭނާ ސަސްޕެންޑް ކުރުމަށް މިއަދު ޖޭއެސްސީން ނިންމުމުންނެވެ.

ރައީސް ޔާމިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަނުގެ ފައިސާ ކަމަށް ތުހްމަތު ކުރެވޭ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާވެފައިވަނިކޮށް އެ ފައިސާ އިންވެސްޓްކޮށް އަދި އޭގެ އަސްލު އޮޅުވާލުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހްމަތު ކުރެވޭ މައްސަލައިގައެވެ. ރައީސް ޔާމިންގެ މައްޗަށް މަނީ ލޯންޑްރައިންގެ ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުނެވެ.

އެ ޤާނޫނު ބުނާ ގޮތުން މަނީލޯންޑްރިންގެ ކުށެއް ކޮށްފި މީހަކަށް ކުށްސާބިތުވެއްޖެނަ ދެ ގޮތަކަށް އަދަބު ދެވިދާނެއެވެ. އެއް ގޮތަކީ އެމީހަކު 100,000 (އެއްލައްކަ) ރުފިޔާއާއި 1,000000 (އެއްމިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އަދި ދެ ވަނަ ގޮތަކީ ޢަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ޢަދަދު (ލޯންޑަރކުރި ފައިސާގެ ޢަދަދު) ގެ 5 ގުނައަށްވުރެ އިތުރުނުވާ ޢަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.