ހުޅުމާލެއާއި ލ.އަތޮޅުގައި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒު ޤާއިމްކުރުމަށް އަންނައަހަރުގެ ބަޖެޓުގައި ކަނޑައަޅައިފިއެވެ.
މި މަޝްރޫޢޫ ހިންގުމަށް ބަޖެޓުގައި ވަނީ 14 މިލިޔަން ރުފިޔާ ހިމަނާފައެވެ. ލ.އަތޮޅުގައި އިމާރާތްކުރާ މަރުކަޒު އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅު ގަމުގައެވެ.
އެކި ދާއިރާތަކުން ސަރުކާރުން ޙާސިލްކުރަން ބޭނުންވާ ކަންކަން ހިމަނައިގެން، އިޢުލާންކުރި 4 އަހަރުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން"ގައިވެސް ވަނީ 2023ވަނަ އަހަރުގެ ނިޔަލަށް އުމުރުން ދުވަސްވީ މީހުންނަށް ޚާއްސަކޮށްގެން މަދުވެގެން އެއް ރެޒިޑެންޝަލް ހޯމް، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ޤާއިމްކޮށް ޚިދުމަތް ދޭން ފެށުމަށް އަމާޒުކޮށްފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައިވެސް ވަނީ މި ދެ މަރުކަޒު ޤައިމްކުރުމަށް 14 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ.
މި މަރުކަޒުތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުންނަށް އެސެންޓަރުތަކުގައި ތިބިގެންވެސް މުޖުތަމަޢުއަށް ފައިދާ ކުރުވަނިވި ކަންކަންކުރެވޭނެ ގޮތަކަށެވެ. އެތަންތަނަކީ އުމުރުން ދުވަސްވީ މީހުން ބަންދުކޮށްގެން ގެންގުޅޭ ތަނަކަށް ނުހަދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަދި އެތަންތަނުގެ ޚިދުމަތް ދެމުންގެންދާނީ ދުނިޔޭގެ އެހެންތަންތަނުގައިވެސް މިފަދަ މަރުކަޒުތަކުގައި ޚިދުމަތްދެމުންދާ އުޞޫލުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެ އިތުރުން އަންނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ވަނީ އައްޑޫ ސިޓީއާއި ބ.އޭދަފުށީގައި 'ޗިލްޑްރަންސް ހޯމް' އެއް ޤާއިމް ކުރުމަށް ހިމަނާފައެވެ. މިގޮތުން އައްޑޫ ސިޓީގައި 'ޗިލްޑްރަންސް ހޯމް' ޤާއިމްކުރުމަށް އެއްމިލިޔަން ހަސަތޭކަ ސާޅީސް އެއްހާސް ދުއިސައްތަ ފަންސާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި އޭދަފުށީގައި މި މަރުކަޒު ޤާއިމްކުރުމަށް އެއް މިލިޔަން ނުވަސަތޭކަ ހަތްދިހަހާސް ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އަދި މާލޭގައި ޑޭ ކެއަރ ސެންޓަރެއް އެޅުމަށް ހަތަރު މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ސަރުކާރުން މާލޭގައި އަޅާ މިފަދަ ފުރަތަމަ ޑޭ ކެއަރސެންޓަރެވެ.
ޢުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވުމުގެ މައްސަލަތައް މިނިސްޓްރީއަށް ކޮންމެ އަހަރަކުވެސް ހުށަހެޅެމުންދާއިރު އަހަރެއްގެ މައްޗަށް އެވްރެޖުކޮށް 70 އަށްވުރެ ގިނަ މައްސަލަ ހުށައަޅާކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން ގެވެށި އަނިޔާއާއި އަޅާނުލުމުގެ މައްސަލަތައް އިތުރުވަމުން އަންނައިރު މިކަންކަމުން މުޖުތަމަޢު ދުރުހެލިކުރުމަށް ހޭލުންތެރިކަން އިތުރުކޮށް ހެޔޮލަފާ މަޖުތަމަޢެއް ބިނާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.