ސިޔާސީ

އދގެ ވޯކިން ގްރޫޕުން ނަޝީދުގެ މައްސަލަ ބޭރުކޮށްލާނެ-ގާނޫނީ ވަކީލް


އދ. ގެ
ވޯކިންގ ގުރޫޕަށް ހުށައަޅާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތުގެ ކޭސްއާއި
ގުޅިގެން ދިވެހި ސަރުކާރުން ޖަވާބްދާރީވުމުގެ މަސައްކަތް ކުރަމުންދާކަމަށާއި،
ވޯކިންގ ގުރޫޕުން ނިންމާ ނިންމުމާއެކު ނަޝީދުގެ ޝަރީއަތުގެ ކަންކަން
ކުރިއަށްދިޔައީ ބައިނަލް އަގްވާ މިންގަނޑުތަކާއި އެއްގޮތަށްކަން މުޅި ދުނިޔެއަށް
ހާމަވެގެންދާނެކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ވިދާޅުވެއްޖެއެވެ.



ސަރުކާރުގެ
ގާނޫނީ އޮނިގަނޑާއި، ސަރުކާރުން ޑިމޮކްރެސީ ހަރުދަނާކުރުމަށާއި،  އިންސާނީ ހައްގުތަށް ކުރިއެރުވުމަށް ކުރާ
މަސައްކަތްތަކުގެ ދަށުން، ގާނޫނީ ލަފާ ހޯއްދަވަން ފަށާފައިވާ އިނގިރޭސިވިލާތުގެ
އޮމްނީ ސްޓްރެޓަޖީގެ އިސް ވަކީލެއްކަމަށްވާ ޓޯބީ ކެޑްމަންއާއެކު ދިވެހި ޚާރިޖީ
ވުޒާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވާހަކަފުޅުދައްކަވަމުން، ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، އެޓާނީ ޖެނަރަލްގެ
އޮފީހާއި މިސްޓަރ ޓޯބީ ކެޑްމަން އާއި އެއްކޮށް މިހާރުކުރަމުންދާ މަސައްކަތުން،
އެކަށީގެންވާ ފުރިހަމަ ޖަވާބެއް އެރުވޭނެކަމަށާއި، އެއައްފަހު ބެލެވޭގޮތުގައި
ނަޝީދުގެ ކޭސް ވޯކިންގްރޫޕުން ބޭރުކޮށްލާނެކަމަށެވެ. އެހެންކަމުން މިމައްސަލައިގައި
ދުނިޔޭގެ އެހެން ގައުމުތަކުން އުފައްދާ ސްވާލުތަކަށް ޖަވާބު ލިބިގެންދާނެކަމުގެ
ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އެކަމަނާ ވިދާޅުވިއެވެ.



ދުންޔާ
ވިދާޅުވީ ޝަރީއަތުގެ ކަންކަން ގޮސްފައިވަނީ ރަނގަޅަށް ނޫންކަމަށް ރައީސް ނަޝީދާއި
އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމަށް ގަބޫލުކުރެއްވޭނަމަ
އިސްތިއުނާފްކުރުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލެވިފައި އޮތްކަމަށެވެ.
އެހެންނަމަވެސް އެފުރުސަތުގެ ބޭނުން ނުކުރައްވަން އެބޭފުޅުން ނިންމަވައި، ރަނގަޅުނޫން
މައުލޫމާތު ބައިނަލް އަގުވާމީ އެކިފަރާތްތަކަށް ދެމުންދަނީކަމަށް ވިދާޅުވިއެވެ.



"
ޔޫއެން ވޯކިން ގްރޫޕުން ޑިސްމިސްވުމުން އަޅުގަނޑަށް ހީވަނީ އެއީ މުޅި
ދުނިޔެއަށްވެސް ވަރަށް ސާފުކޮށް ލިބިގެންދާނެ މެސެޖެއްހެން ނިކަންތައް ހިގައިދިޔަ
ގޮތާއިމެދު. އަނެއްކާ ޝަރީއަތް މިކުރެވުނީ ވަރަށް ބޮޑު ކުށަކަށްކަން."



އިނގިރޭސި
ވިލާތުގެ ކުރީގެ ޕްރައިމް މިނިސްޓަރ ޓޯނީބްލެއަރގެ އަނބިކަބަބަލުން ޝެރީ ބްލެއަރގެ
ލޯފާމްގެ ލޯޔަރ ޓޯބީ ކެޑްމަން ވިދާޅުވީ ނަޝީދުގެ ޝަރީއަށް ކުރިޔަށްގެންދިޔަގޮތާއި،
ހުކުމްތަންފީޒުކުރެވެމުންދާގޮތް އެނާ ބަލައި ދިރާސާ ކޮށްފައިވާކަމަށެވެ. އަދި
ވޯކިން ގްރޫޕްއަށް ހުށައަޅާފައިވާ ކޭސްގައި ފާހަގަކޮށްފައިވާކަންކަމަށް ބަލާއިރު
އެކަށީގެންވާ ޖަވާބް އެފަރާތަށް އެރުވޭނެކަމަށް ވިދާޅުވިއެވެ.



"
އަޅުގަނޑުގެ ޕޮސިޝަނަކީ މުޅި ކޯޓް ޕްރޮސެސް ގޮސްފައިވަނީ އިންޓަރނޭޝަނަލް ލީގަލް
ސްޓޭންޑަޑާއި އެއްގޮތަށްކަން ސާފުކޮށްދިނުން. މިދެންނެވީ އޭނާ ހައްޔަރުކުރުމާއި
އޭނާގެ ޝަރީއަތާއި، އޭނާ ހައްޔަރުކުރެވިފައިހުރި ތަން. އޭނާ ހައްޔަރުކޮށްފައިވާ
ތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު އަހަންނަށް ލިބުނު. އަހަރެން ވަރަށް ބޮޑަށް
ހިތްހަމަޖެހޭ އޭނާއާއިމެދު މުއާމަލާތްކުރެވޭ ގޮތާއިމެދު. އޭނާގެ ވަކީލުންނާއި
އާއިލާ ޒިޔާރަތްކުރުމާއި، ބޭސްފަރުވާގެ އިންތިޒާމު. އެކަންކަން އަހަރެންދެކެނީ
އެހެރީ އިންޓަރނޭޝަނަލް ސްޓޭންޑަޑާއި އެއް ފެންވަރަކަށްކަން. މިހުރިހާކަމަކަށް
އަހަރެންގެ ރެސްޕޮންސްގައި ބަލާލެވޭނެ. އަދި އެކަންހުށަހެޅުމަށްފަހު ވޯކިން
ގްރޫޕުން އެމައްސަލަ ބޭރުކޮށްލާނެކަމަށް އަހަރެން ދެކެން."



އެނާ
ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައަކީ
ވަރަށް ސީރިއަސްކަމެއްކަމަށެވެ. އަދި  އދ
ގެ ވޯކިންގ ގުރޫޕަކީ ކޯޓެއް ނޫންކަމަށާއި، ދެފަރާތުގެ މައުލޫމާތު ސާފުކުރުމަށްފަހު
އެގްރޫޕުން ދޭނީ ލަފައެއްކަމަށް އޭނާ ވިދާޅުވިއެވެ.