ޚަބަރު

ފުރަތަމަ ފަހަރަށް އަޔޯރާ ސަމިޓުގައި ރާއްޖެއިން ބައިވެރިވަނީ


އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ ކައުންސިލް އޮފް މިނިސްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވުމަށް ނިންމައިފިއެވެ.

މިމަހުގެ 5 އިން 7 އަށް ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއިން އިސްކޮށް ބައިވެރިވެވަޑައިގަންނަވާނީ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ. އަދި މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ތަޤްރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޖަމިއްޔާގެ ނިންމުންތައް ނިންމާ އެންމެ މުހިއްމު ކަމަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެވެ. ފޮރިން މިނިސްޓްރީން ވިދާޅުވީ މިފަހަރުގެ ޖަލްސާގައި ރާއްޖެއިން މި ޖަމިއްޔާގައި ރަސްމީކޮށް ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ބައްދަލުވުމުގެ ކުރިން މިއަދު އަޔޯރާގެ މެމްބަރު ޤައުމުތަކުގެ އިސް އޮފިޝަލުންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެވަޑައިގެންނެވީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ.ހުސައިން ނިޔާޒެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން "އަޔޯރާ"އަކީ އިންޑިއާ ކަނޑާއި ގުޅިފައިވާ ޤައުމުތަކުގެ ޖަމިއްޔާއެކެވެ. މި ޖަމިއްޔާ އުފެދިފައިވަނީ 1997 ވަނަ އަހަރުގެ މާޗްމަހުގައެވެ. މި ޖަމިއްޔާ އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ދެކުނު އެފްރިކާގެ އޭރުގެ ރައީސް ނެލްސަން މަންޑޭލާ 1995 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.