ސިއްހަތު

ޑެންގީ ކޮންޓްރޯލް ކުރުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި


ރާއްޖޭގައި ޑެންގީ ހުން ހަލުވި ކަމާއެކު ފެތުރެމުންދާތީ މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައިކަމާއި ގުޅޭ މިނިސްޓްރީތަކާއި، ހެލްތް ސެކްޓަރ ގައި މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.ހެލްތް މިނިސްޓްރީގައި މިއަދު ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން ހުރިހާ ވުޒާރާއެއް ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ރޯދަ މަހުގެ ކުރިން މާލެ އާއި އަތޮޅުތަކުގައި ފޮގް ކޮށްފައިވާނެކަމަށާއި ދެވަނަބުރެއްގެ ގޮތުން މިއަދުން ފެށިގެން ފޮގް ކުރުމުގެ ކަންތައް ފެށިގެން ދާނެކަމަށެވެ.މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ ސަރުކާރުގެ އެންމެ މަތީ ލެވެލްގައި ފުރިހަމަ އެއްބާރުލުން ޑެންގީ ހުން ކޮންޓްރޯލް ކުރުމަށްޓަކައި ލިބިގެންދާނެކަމަށެވެ.އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތް ޝަހީރު ވިދާޅުވީ ޑެންގީއަށް ފަރުވާދިނުމުގެ ކަންތަކާއި މީހުން ހޭލުންތެރި  ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން އައިޖީއެމްއެޗްގެ ވަށައިގެންވާ ސަރަހައްދު ސާފްކޮށް ބެލެހެއްޓްމައްޓަކައި މަސައްކަތް ފަށާފައިވާކަމަށް ފަރުހަތު ވިދާޅުވިއެވެ.މިއަދު ކުރިޔަށްގެންދިޔަ މިބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތުދެއް އެޗްޕީއޭގެ ޑިރެކްޓަރ އަސްމާ އިބްރާހިމް ވިދާޅުވީ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެންދިޔައީ ދިމާވާ ގޮންޖެހުންތަކާއި ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭ ގޮތުންކަމަށެވެ.އެކި އެކި މުއައްސަސާތަކުން މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ކުރެވިދާނެކަންތައްތަކާއި، ކުނި ނައްތާލުމަށްޓަކައި ކުރެވިދާނެކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނުކަމަށް އަސްމާ ވިދާޅުވިއެވެ.ސާވައިލަންސް ރިޕޯޓް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވާރަކުރެވިގެންދިޔަކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.