ޚަބަރު

ހައިކޯޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނަރަލާމެދު ފިޔަވަޅުއަޅަން ނިންމައިފި


ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ އަޙްލާޤީ މިންގަނޑާއި ޚިލާފަށް ހައިކޯޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނާޒިމް ސޯޝަލް މީޑިޔާގައި ދައްކަވާ ވާހަކަތާއި ގުޅިގެން އޭނާއާއިމެދު ފިޔަވަޅު އެޅުމަށް އެކޯޓްގެ ހިއުމަންރިސޯސް ޑިޕާޓްމަންޓަށް ހުށަހަޅައިފިއެވެ.

ހައިކޯޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނާޒިމް ސޯޝަލް މީޑިޔާގައި ވަކިބައެއްގެ އަގުވެއްޓޭގޮތަށް ޝަރުއީ ނިޒާމުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ އަޚްލާޤީ މިންގަނޑާއި ޚިލާފަށް ތަފާތްއެކި ޕޯސްޓްތައް ކުރަމުންދާ މައްސަލާ ބަލައިިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެދިފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. ކޮމިޓީން ޖުޑިޝަލް ޑިޕާޓްމަންޓްގައި އެދުމުން އެފަރާތުންވަނީ މިމައްސަލަ ބަލައިދިނުމަށް ހައިކޯޓްގައި އެދިފައެވެ.

މިމައްސަލަ ބަލައި ނިންމާފައިވާގޮތް ހާމަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރުދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިމައްސަލަ ބަލައި މިކަމުގައި ޝާމިލްވާ މުހައްމަދު ނާޒިމާއިމެދު ފިޔަވަޅު އެޅުމަށް ހައިކޯޓްގެ އެޗްއާރު ޑިޕާޓްމަންޓުގައި އެދިފައިވާކަމަށެވެ. އަދި މިމައްސަލަ އެފަރާތުން ބެލިބެލުމުން ސޯޝަލް މީޑިޔާގައި އެފަދަ ޕޯސްޓްތައް ކޮށްފައިވަނީ އޭނާ ނޫންކަމަށް ބުނެފައިވާކަމަށެވެ.

ނަމަވެސް އެފަރާތުން މިކަގައި ބެލިބެލުމުން ނާޒިމްގެ ޕާސަނަލް ކަންކަމާއި، އާއިލީ ފޯޓޯތައް ޕޯސްޓްކޮށް، ކޮންމެ ދުވަހަކުހެން އަޕްޑޭޓްވާ ފޭސްބުކް ޕޭޖެއް އެހެން މީހަކު ހިންގުމަކީ ޤަބޫލުކުރަން ދަތިކަމެއްކަމަށެވެ. އެހެންކަމުން މިކަމަކީ އޭނާއަށް އެގިހުރެ ހިނގަމުންދާ ކަމެއްކަމަށް ބަލައި ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި މިކަމުގައި އިތުރަށް ޔަގީންކުރަންޖެހޭ ކަންކަން ޔަގީންކުރުމަށް ކަމާއިބެހޭ އިދާރާތަކުގައި ދަންނަވާފައިވާކަމަށް މިސިޓީގައި ބުނެފައިވެއެވެ.

މިމައްސަލާގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ މިމައްސަލާގައި ނާޒިމް ވަޒީފާ އަދާކުރައްވާ ކޯޓުން އޭނާއާއިމެދު ފިޔަވަޅު އަޅަން ނިންމެވުމުން މިމައްސަލާގައި ކޮމިޓީން ދެން ކުރައްވަންޖެހޭ ކަމެއް އޮތްކަމަށް ނުދެކޭކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ޖުޑީޝަރީ ކޮމިޓީންވަނީ އެކޮމިޓީއަށް ހުށަހެޅިފައިވާ އިތުރު މައްސަލަތައް ދިރާސާކޮށް އަދި ކޮމިޓީން އެކުލަވާލަންޖެހޭ ޤާނޫނުތަކުގެ ޑްރާފްޓް އެކުލަވާލުމާއި ގުޅޭގޮން މަޝްްވަރާކޮށްފައެވެ.