ޚަބަރު

ޓެރަރިޒަމްގެ ދޮރުތައް ބަންދުކުރުމަށް އެއްބާރުލުން ބޭނުންވޭ - މާރިޔާ


ޓެރަރިޒަމަށް ވާގިދިނުމަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމަށް ޤައުމީގޮތުންނާއި ސަރަޙައްދީގޮތުންނާއި ބައިނަލްއަޤްވާމީގޮތުން އެއްބާރުލުން ބޭނުންވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ "ނޯ މަނީ ފޮރ ޓެރަރ މިނިސްޓީރިއަލް ކޮންފެރެންސް އޮން ކައުންޓަރ ޓެރަރިޒަމް ފައިނޭންސިންގ" ގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އޮސްޓްރޭލިޔާގެ މެލްބަންގައި މިމަހުގެ 6 ކުން މާދަމާގެ ނިޔަލަށް ކުރިއަށްދާ މަހާސިންތާގައި ތަޤްރީރުކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުން ހުއްޓުވުމަށްޓަކައި، މި ސިޔާސަތުގެ ދަށުން، ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އެކަމަނާ ވަނީ ބައްލަވާލައްވާފައެވެ. އަދި މާލީގޮތުން ޓެރަރިޒަމަށް ވާގިދިނުމަށް މަގުފަހިވާ ދޮރުތައް ބަންދުކުރުމުގައި، ޤައުމީގޮތުންނާއި ސަރަޙައްދީގޮތުންނާއި ބައިނަލްއަޤްވާމީގޮތުން އެއްބާރުލުން ބޭނުންވާކަމަށްވެސް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ދުނިޔޭގެ ފެންވަރުގައި ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖއިން ދަނީ އެކިފެންވަރުގައި ބައިވެރިވަމުންނެވެ. ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ރާއްޖެއަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމަށް 70 މިލިޔަން ރުފިޔާގެ ހިލޭ އެހީދިނުމަށް ޖަޕާން ސަރުކާރުންވަނީ ދާދި ފަހުން ނިންމާފައެވެ.