ޚަބަރު

އަދީބުގެ ޝަރީއަތް ލައިވްކުރުމާމެދު ގާޒީންގެ މަޖިލީހުން ގޮތެއް ނިންމަނީ


ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދަައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރުމާއި މެދު ކްރިމިނަލް ކޯޓުގެ ގާޒީން މަޖިލީހުން ގޮތެއް ނިންމަން އެ މައްސަލަަތައް ބައްލަވާ ގާޒީ ނިންމަވައިފި އެވެ.

އަދީބަށް ކުރާ ހަތް ދައުވާއާ ގުޅިގެން މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އަދީބުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުން ޓީވީ މެދުވެރިކޮށް ލައިވްކޮށްދިނުމަށް ދެ ފަހަރެއްގެ މަތިިން ސިޓީ އަކުން ކޯޓުގައި އެދިފައިވާކަމަށެވެ. ނަމަވެސް ދައުލަތުން އެދުނު ގޮތައް އަދީބުގެ ޝަރީއަތް ލައިވްކޮށް ދެވެން ނެތްކަމަށް މައްސަލަ ބައްލަވާ ގާޒީން އަންގަވާފައިވާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން ކުރާ ދައުވާ ތަކަކަށް ވުމުން އެއީ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ބޮޑު މައްސަލައެއް ކަމަށެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދަައުވާގައި ތުހްމަތުތަކަކީ 1.5 ބިލިއަން ރުފިޔާގެ ދައުލަތައް ގެއްލުމާއި ގުޅިފަައިވާ ދައުވާތަކެއްކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. މީގެ ކުރިން އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ކުރާ ދައުވާގެ ޝަރިއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ލައިވްކޮށްފައިވާއިރު އެ މައްސަލައަށް ވުރެ އަދީބުގެ މައްޗަށް ކުރާ ހަތް ދައުވާގެ އަޑުއެހުންތައް ލައިވްކުރުން ރަގަޅުކަމަށް ދައުލަތުގެ ވަކީލް ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ އެ ވާހަކަތަކާ ގުޅިގެން އަދީބުގެ ވަކީލް މަހްފޫޒް ސައީދުވެސް ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ލައިވްކުރުމަށް އަދީބުގެ ފަރާތުންވެސް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވީ ހަމަ އެކަނި އަދީބު ނޫން ކަމަށާއި އެކަން ކަން ހިނގާފައިވަނީ ކިހިނެތްކަން އޮޅުފިލުވާދޭން އަދީބު ބޭނުންފުޅުވާކަމަށްވެސް މަހްފޫޒް ވިދާޅުވިއެވެ.

ޝަރީއަތްތައް ލައިވްކުރުމާއި ގުޅޭ ގޮތުން އަދީބުވެސް މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަވާފައިވެއެވެ. އަދީބު ވެސް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް އެއްބާރުލުން ދެމުން ގޮސްފައިވާކަމަށާއި އެކަން ޝަރީއަތް މެދުވެރިކޮށް އާއްމުންނަށް އެނގެން ބޭނުންވާ ކަމަށެވެ.

އަދީބުގެ ޝަރީއަތް ލައިވް ނުކުރުމަށް ނިންމެވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ކިބައިން އެ ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް ދައުލަތާއި އަދީބުގެ ފަރާތުން އެދިވަޑައިގަންނަވާތީ ގާޒީ ނިންމެވީ އެކަން ކްރިމިނަލް ކޯޓުގެ ގަޒީންގެ މަޖިލީހަށް ހުށައަޅުއްވައިގެން ގޮތެެއް ނިންމެވުމަށެވެ. އަދި އިބްތިދާއީ އަޑުއެހުންތައް އިތުރަށް ކުރިއަށް ގެންދާނީ މައްސަލައިގެ އަޑުއެހުންތައް ލައިވްކުރުމާމެދު ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ގޮތެއް ނިންމެވުމުން ކަމަށްވެސް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވިއެވެ.

ކުށަށް އިއުތިރާފުވެ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ދައުލަތާއެކު ހަދާފައިވާ އެއްބަސްވުން އެ މައްސަލައިގައި ޝަރީއަތައް ހުށައަޅާފައިނުވާކަން އަދީބ ފާހަގަކުރެއްވިއެވެ. އެއާއި އެކު އެ އެއްބަސްވުން ޝަރީއަތަށް ހުށައެޅުމަށް ގާޒީ އެންގެވުމުން ދައުލަތުން ވަނީ އެއްބަސްވުން ޝަރީއަތަށް ހުށައަޅާފައެވެ.

އަދީބާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ 7 ދަޢުވާގައި ހިމެނެނީ މަނީލޯންޑްރިންގެ ދެ ދަޢުވާއަކާއި ޚިޔާނާތުގެ ބައިވެރިވުމުގެ ކުށުގެ ދެދަޢުވާއަކާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދަދިނުމުގެ ދެ ދަޢުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތުނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދަޢުވާއެކެވެ.