ސިޔާސީ

އިތުބާރުނެތްކަމުގެ މައްސަލައަށް މަޖިލިސް ތަޅުމުން ގޮތެއް ނިންމަނީ


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަގާމުން ވަކިކުރަންވެއްޖެނަމަ، އެމައްސަލަ ތަޙްގީގްކުރަން ކޮމިޓީއެއް އެކުލަވާނުލައި އެމައްސަލައާ މެދު ސީދާ މަޖިލީހުގެތަޅުމަށް ގޮތެއް ނިންމޭނެ ގޮތަށް މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ. ރޭ މަޖިލީހުގެ ގަވާއިދުގެ 172 ވަނަ މާއްދާގެ އެކަކަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާ ކަމަށްވާނަމަ އެބަހުސް އޮންނަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާޒިރު ނުވިނަމަވެސް ބަހުސް ކުރިއަށް ގެންގޮސް މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައާ މެދު ގޮތެއް ނިންމަންވާނެކަމަށެވެ. ނަމަވެސް ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ރ) ގައި ބުނެފައި ވަނީ އެފަދަ މައްސަލައަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ މަދުވެގެން ސާދަ ދުވަސް ކުރީން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަން އަންގަންވާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތްކަމަށް ފާސްކުރުމުގެ ކުރިން މަޖިލީހުގައި ކުރިއަށްގެންދާ ބަހުސްގައި ޖަވާބު ދާރީ ވުމުގެ ފުރުސަތު ނައިބުރައީސްއަށް ލިބިގެންވާކަމަށް އެމާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނީ ވަކީލުން ބޭނުންކުރުމުގެ ހައްޤުވެސް ނައިބުރައީސަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 100 ވަނަމާއްދާގައި ބަޔާންކޮށްފައިވެއެވެ. ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ގާރާރެއް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެމްބަރުންގެ އަގުލަބިއްޔަތުންކަމަށްވެސް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އެއީ އަށްޑިހަ ފަސް މެމްބަރުންގެ ތެރެއިން އޮނަތިރީސް މެމްބަރުންގެ ސޮއެވެ.