ޚަބަރު

ޅ.ނައިފަރު މަސްޖިދުލް ޣުފްރާން އެސީ ކުރުމަށް ކުންފުންޏަކާ ހަވާލުކޮށްފި


އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ޅ.ނައިފަރު މަސްޖިދުލް ޣުފްރާން އޭސީ ކުރުމަށް އަވި ޓެކްނޮލަޖީސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙްމދު ޒާހިރު ޢަލީއެވެ. އަވި ޓެކްނޮލަޖީސްގެ ފަރާތުން ސޮއިކުރެއްވީ ޙަސަން ޔާސިރެވެ.

މި މަސައްކަތަށް ދަޢުލަތުގެ ބަޖެޓުން ހަތްސަތޭކަ ސާޅީސް ފަސް ހާހަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައިވާގޮތުން 8 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހެއެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން މަދުވެގެން %80 މިސްކިތުގައި އެއަރ ކޮންޑިޝަން ކުރުމަށް ބޭނުންކުރާ ހަކަތައަކީ އިޔާދަކުރަނިވި ހަކަތަކަމަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިހާރުވެސް ވަނީ ގއ.ގެމަނަފުށީ މަސްޖިދުލްއިބްރާޙިމް އާއި އދ.ކުނބުރުދޫ މަސްޖިދުއްރަޙްމާންގައި އޭސީ ހަރުކޮށް ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު ވިއުގައާ ގުޅާލާނެ ބަޔަލު ހޯދުމަށް އިޢުލާންކޮށްފައެވެ.

ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިއްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެދަށުން 10 މިސްކިތެއްގައި އޭސީ ހަރުކުރުމުގެ ހުއްދަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ދެއްވާފައެވެ. މިސްކިތްތައް އޭސީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި 25 މިސްކިތެއް ހުށައެޅުމުން ރައީސް އޮފީހުން 10 މިސްކިތެއްގައި އޭސީ ހަރުކުރުމަށްޓަކައި 15 މިލިޔަން ރުފިޔާގެ ބަޖެޓެއްވަނީ ހުށައަޅާފައެވެ.

އަދި މި 10 މިސްކިތުގެ އިތުރުން އިސްލާމިކް މިނިސްޓްރީން އިތުރު މިސްކިތެއްގައި އެސީ ކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އޭސީ ކުރުމަށްޓަކައި މިސްކިތްތައް ކަނޑައަޅާފައިވަނީ ރަށްރަށުގައި ހުރި މިސްކިތްތަކުގެ ތެރެއިން މިހާތަނަށް އެސީކޮށްފައިނުވާ މިސްކިތްތައް ފާހަގަކޮށްގެންކަމަށެވެ. މިސްކިތްތައް އޭސީ ކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން ފ.ދަރަނބޫދޫގެ މިސްކިތުގައި ވަނީ އޭސީ ހަރުކޮށްފައެވެ.