ޚަބަރު

ޝަރުއީ ދާއިރާ އިސްލާހްކުރެއްވުމަށް ރައީސް ވެވަޑައިގެންނެވި ވަޢުދު ފުއްދޭނެކަމުގެ އުންމީދު އެބައޮތް - ބަންޑާރަ ނައިބް


ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާގެ މަޤާމާ ހަވާލުވެޑައިގެންނެވިއިރު ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އޮތް އިތުބާރު ކުޑަވެ ގިނަ ބަޔަކު ދިޔައީ ޝަރުއީ ނިޒާމާ ގުޅޭގޮތުން އެކި ޝުއޫރުތައް ފާޅުކުރަމުންނެވެ. އިންސާފު ލިބޭނެ ކަމާމެދު ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. އެހެންކަމުން ރައީސް ޞާލިހް ދައުލަތުގެ އެންމެ މަތީ މަޤާމުގެ ހުވާކުރެއްވީ ވެސް ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހްކުރައްވާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުންނެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދައުލަތުގެ ބަންޑާރަ ނައިބުގެ މަޤާމު ހަވާލު ކުރެއްވި އިބްރާހިމް ރިއްފަތު އަކީ އެ މަސައްކަތުގައި ބޮޑު ރޯލެއް އަދާ ކުރައްވަން ޖެހިވަޑައިގެންނަވާ ފަރާތެކެވެ. އަދި ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހްކުރުމަށް ކުރާ މަސައްކަތްތައް އެންމެ ގާތުން ފެނިވަޑައިގަންނަވާނެ ބޭފުޅަކީވެސް ބަންޑާރަ ނައިބު ރިއްފަތުއެވެ. ރާއްޖޭގައި ޝަރުއީ ނިޒާމް އިސްލާހްކުރުމަށް ކުރާ މަސައްކަތްތަކަށް މަދުން ނަމަވެސް ފާޑުކިޔުންތައް އަންނައިރު ޝަރުއީ ދާއިރާއަކީ ރައްޔިތުންގެ އިތުބާރު އޮތް އަދި އިންސާފު ޤާއިމު ކުރެވޭ ތަނަކަށް ހެދޭނެ ކަމާމެދު ބަންޑާރަ ނައިބުގެ އުއްމީދުތައް ބޮޑެވެ. އެކަން ކުރެވޭނެ ކަމަށް ޔަޤީންވެސް ކުރައްވައެވެ.

ރައީސް ޞާލިހުގެ ވެރިކަމަށް އެއް އަހަރު ފުރިފައިވާއިރު ފެންނަން އޮތް އެއް ކަމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބެލި ދުސްތޫރީ މައްސަލައަކަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ރައްޔިތުންގެ މަޖިލީހުން ވަކިކުރެއްވި މަންޒަރެވެ. ޝަރުއީ ނިޒާމް އިސްލާހްކުރުމަށް ސަރުކާރުން މިވީ ދުވަސްކޮޅުގެ ތެރޭގައި ކުރެއްވި ކަންކަމުގެ ތަފްސީލް އެކަމަށް ފުންކޮށް ބަލާލުމުން ނޫނީ ނޭނގިދާނެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ބަންޑާރަ ނައިބު ވަނީ ސަރުކާރުން ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހްކޮށް މީހުން އިތުބާރު ކުރާތަނަކަށް ފަނޑިޔާރުގެ ހެދުމަށް އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ޖޭއެސްސީގައި ވެސް އިންނަވާ ބަންޑާރަ ނައިބު ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންވެސް ހިމެނޭ ގޮތައް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލިގެން ފިޔަވަޅުތައް އަޅަން ފެށުމުން އެނގިގެންދަނީ މިއަދު ކޮންމެ މީހަކީވެސް ޖަވާބުދާރީވާން ޖެހޭނެ މީހެއް ކަމެވެ. އަދި ޖުޑީޝަރީގެ އިތުބާރު ހޯދަން ބޭނުންވާ ކަމަށްވާނަމަ ފަނޑިޔާރުންގެ މައްސަލަތައް ޤާނޫނުން އެކަން މަތިކޮށްފައިވާ ކޮމިޝަނުން ބެލެން ޖެހޭނެ ކަމަށް ވެސް ބަންޑާރަނައިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަކު ވެސް ޤަބޫލުކުރާކަށް ބޭނުމެއް ނުވޭ ކޯޓުގައި އިންނަވާ ފަނޑިޔާރަކު ރިޝްވަތު ނަންނަގަވާފާނެ ކަމަކަށް، ސިޔާސީ ނުފޫޒެއް އޮވެގެން ފަނޑިޔާރަކު ހުކުމެއް ކުރައްވާފާނެ ކަމަކަށް. އަމިއްލަ ފައިދާއަކަށް ކަމެއް ކުރައްވާނެ ކަމަކަށް. ނަމަވެސް ހަގީގަތަކީ އެއީކަން އަޅުގަނޑުމެނަށް އެބަ އިނގޭ މިނިވަން މުސްތަގިއްލު ހަބީރުންގެ އެކި އެކި ރިޕޯޓްތަކުންނާއި ބައިނަލް އަގުވާމީ އެކި އެކި ފަރާތްތަކުން މި ރާއްޖޭގެ ޖުޑީޝަރީއާ ގުޅޭ ގޮތުން އެ އެކުލަވާލާފައިވާ ވާހަކަތަކުން،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ފަނޑިޔާރުން ޖަވާބު ދާރީކުރުމަށާއި ފަނޑިޔާރުންގެ ފެންވަރުބަލައި ފަނޑިޔާރުންނަށް ބޭނުންވާ ތަމްރީންތަކުގެ ފުރުޞަތު ހޯދާ ދެއްވުމަށް ޖޭއެސްސީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުންވެސް ބައިނަލްއަޤުވާމީ އެކި ފަރާތްތަކާއި އެކުވެރި ޤައުމުތަކުގެ އެހީ ލިބިގެން ފަނޑިޔާރުންގެ ފެންވަރު ރަނގަޅު ކުރުމަށް ފުރުޞަތުތަކެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ބަނޑާރަނައިބް ވިދާޅުވިއެވެ. އަދި އެކަންކަން ކުރިއަށް އޮތްތާނގައި ފެނިގެންދާނެ ކަމަށްވެސް ބަނޑާރަ ނައިބު ވިދާޅުވިއެވެ.

ޝަރުއީ ނިޒާމް ހަރުދަނާކޮށް އިތުބާރު ކުރެވޭ ނިޒާމަކަށް ހެދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އިތުރު ރަށްރަށުގައި ޑިސްޓްރިކް ކޯޓުތައް ޤާއިމުކުރުމަށް ކޯޓުތަކާ ބެހޭ ޤާނޫނަށް ގެންނަންޖެހޭ އިސްލާހްގެ ބިލް ޑްރާފްޓް ކުރެވިގެންދާނެ ކަންވެސް ބަންޑާރަ ނައިބު ވަނީ ފާހަގަ ކުރައްވާފައެވެ.

"(ޑިސްޓްރިކް ކޯޓުތައް ގާއިމުކުރުމުގެ) އަމާޒަކަށްވެގެން ދާނީ ރައްޔިތުންނާ ވީހާވެސް ގާތުން އިންސާފު ލިބުމުގެ ފުރުސަތު ފަހިވެގެން ދިއުން. އެނގިވަޑައިގަންނަވާނެ އަދުލު ނިޒާމް ހަމަ ޖެހިފައި އޮތް ގޮތުން މާލޭގައި މި ހުންނަނީ ސުޕީރިއާ ކޯޓުތައް މި ހުންނަނީ. އަދި ހައިކޯޓާއި ސުޕްރީމް ކޯޓުވެސް މި ހުންނަނީ. އަތޮޅު ތެރޭގައި މި ހުންނަނީ ހަމަ އެކަނި މެޖިސްޓްރޭޓް ކޯޓްތައް އެކަނި. ކުރިއަށް އޮތްތަނުގައި ކޯޓުތަކާ ބެހޭ ޤާނޫނާއި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހް ގެންނާނަން. އެ އިސްލާހްތަކުގެ ތެރޭގައި ރާއްޖޭގައި ކަނޑައެޅޭ ހިސާބުތަކުގައި ޑިސްޓްރިކް ކޯޓްތަކެއް ގާއިމު ކުރެވިގެންދާނެ. އަދި ޑިސްޓްރިކް ކޯޓަކީ ސުޕީރިއާ ކޯޓުތަކަށް ގާނޫނުން ލިބިދީފައިވާ ގާނޫނީ ބާރުވެރިކަން ލިބިދީފައިވާ މައްސަލަތައް ބެލެވޭނެ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ކޮންމެ ފަނޑިޔާރަކީވެސް ޤާނޫނާއި ޤަވާއިދާ އެއްގޮތައް ހުކުމްކުރާ އަދި ނިންމުންތައް ނިންމާ ބައެއްކަން ކަށަވަރު ކުރެވޭނީ ދުނިޔޭގެ ކުރިއަރާފައިވާ އެހެން ޤައުމުތަކެކޭ އެއްފަދައިން ފަނޑިޔާރުން ޖަވާބުދާރީ ކުރުވޭނެ މެކޭނިޒަމެއް ޤާއިމުކުރެވިގެން ކަމަށް ވެސް ބަންޑާރަ ނައިބު ވިދާޅުވިއެވެ. އަދި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ މެކޭނިޒަމެއް އެކުލަވާލުމުގެ މަސައްކަތް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އެހެން ޤައުމުގެ އިރުޝާދާއި އެހީތެރިކަމާއެކު ކުރަމުން ގެންދާ ކަމަށްވެސް ބަންޑާރަ ނައިބު ފާހަގަ ކުރެއްވިއެވެ.

"އެހެންވީމަ ފަނޑިޔާރުންގެ ފެންވަރު ބެލިގެންދާއިރު ތަމްރީން ކުރެވޭނެ ފަރާތްތަކަކީ ކޮބައި ކަމާއި ތަމްރީން ނުކުރެވޭނެ ފަރާތްތަކަކީ ކޮބައިކަން އަޅުގަނޑުމެނަށް ވަޒަންކުރެވިގެންދާނެ. އަދި ތަމްރީން ކުރެވޭ ފަރާތްތަކަށް އެކަށީގެންވާ ތަމްރީން އެކަށިގެންވާ ތަމްރީން ފޯރުކޮށްދީ އެ ބޭފުޅުންނަކީ ރަނގަޅަށް ގާނޫނު މާނަކޮށް ގާނޫނުގައި އެ އޮންނަ ގޮތައް އުސޫލުގެ ތެރެއިން ހުކުމްކުރާ ބަޔަކަށް ވެގެންދާނެ. ނަސޭހަތްތެރި ފަނޑިޔާރުގެއެއް ހޯދިގެން އާޚިރުގައި އިންސާފު ކަށަވަރުވެގެންދާނީ،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ރާއްޖޭގައި އިތުބާރު ގެއްލިފައިވާ ޝަރުއީ ނިޒާމް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރެވުމުން ޝަރުއީ ނިޒާމާމެދު މީހުން ދޭކޭ ގޮތް ބަދަލުވެގެންދާނެ ކަމަށްވެސް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފައެވެ.