ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލުއިފަސޭހަކޮށްދިނުމަށްޓަކައި އަންނަ އަހަރު ޙައްޖު ޕޯޓަލްއެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރވަނީ މި ޕޯޓަލް ޤާއިމްކުރެވިއްޖެނަމަ މިހާރު ލިބެމުންދާ ޝަކުވާތަކަށް ޙައްލު ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއިން މީހުން ހައްޖަށްގެންދިޔުމަށްޓަކައި ލުއިފަސޭހަގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދެއެވެ. އެހެންނަމަވެސް ކޮންމެ އހަރަކުވެސް ދިމާވާ އެންމެބޮޑު އެއް މައްސަލައަކީ ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ޙުއްދަ ދޫކޮށްފައިވާ ކުންފުނިތަކުން ހައްޖުވެރިންގެ އަތުން އިތުރަށް ފައިސާ ނަގާ މައްސަލައާއި ކޮރަޕްޝަންގެ މައްސަލަތަކެވެ. މިމައްސަލަ ހައްލުކުރުމަށްޓަކައި މީހާރު އިސްލާމިކް މިނިސްޓްރީން ވަނީ މަސައްކަތް ފަށާފައެވެ.
ޕީއެސްއެން ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ޙައްޖުގެ ކަންކަން ލުއިފަސޭހަކުރުމަށާއި ޙައްޖުވެރިންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ހައްލެއް ގެނައުމަށް އަންނަ އަހަރު ޙައްޖު ޕޯޓަލްއެއް ޤާއިމްކުރުމަށް ނިންމާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެ ޕޯޓަލް ޤާއިމްކުރުމަށްފަހު ޙައްޖަށް ދާން ބޭނުންވާ ފަރާތްތައް ރަޖިސްޓަރ ވާނީ އެ ޕޯޓަލްގައި ކަމަށެވެ.
މިޕޯޓަލްގެ ޒަރިއްޔާއިން ހައްޖަށް ގެންދާ ޖަމާއަތްތަކުންދޭ ޚިދުމަތްތައް ފެންނަން ހުންނާނެކަމަށާއި ޙައްޖުވެރިޔާ ބޭނުންވާ ޖަމާއަތެއް އިޚްތިޔާރުކުރުމުގެ އިތުރުން ފައިސާވެސް ދެއްކުމަށް ހަމަޖެހިފައިވަނީ އެ ޕޯޓަލްއަށްކަން މިނިސްޓަރ ވިދާޅުވިއެވެ. ޙައްޖު ޕޯޓަލް ޤާއިމްކުރުމަށްފަހު ޖަމާއަތްތަކަށް ކޯޓާ ދޫކުރާއިރު ކޯޓާއާއެކު ފައިސާއާއި މީހުންގެ ލިސްޓް ހަވާލުކުރާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
" ކަނޑައެޅިފައިވާ އަޤުތަކަށްވުރެ ގިނައިން ފައިސާ ނެގުން ހައްލުކުރުމަށް މަސައްކަތް ކުރަމުންދަނީ. ކޯޓާ ދިނުމުގައި ކުރީގައި ގެންގުޅެމުން އައި އުޞޫލް ބަދަލުކުރާނެ.މިގޮތުން ޙައްޖަށް ދާން ބޭނުންވާ ފަރާތްތައް ޖަމާއަތްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި މިނިސްޓްރީއަށް ފައިސާ ދެއްކޭނެ ގޮތްތައް ހެދުމަށް މަސައްކަތް ކުރަމުންދަނީ."މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރީން ވަނީ ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ކުންފުނިތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައެވެ. މިގޮތުން ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ގުރޫޕްތައް ހޯދުމަށް ޢިއުލާން ކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ގުރޫޕްތައް ހޮވުމުގައި އަގުތަކަށާއި ފޯރުކޮށްދޭނެ ޚިދުމަތްތަކަށް ބަލާނެއެވެ.
ކޮންމެ އަހަރަކުވެސް ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށްޓަކައި 1000 ކޯޓާ ލިބެއެވެ. އަދި މިއހަރުގެ ތެރޭ 2000 ކޯޓާ ލިބި އެ ކޯޓާއިން ދުރާލާ މީހުން ވަނީ ޙައްޖަށް ފޮނުވާފައެވެ. އިސްލާމިކް މިނިސްޓްރީން ވަނީ އަންނަ އަހަރަށްވެސް އިތުރު ކޯޓާ ހޯދުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާފައެވެ.