ޚަބަރު

މާލޭ ޖަލުގެ އެނެކްސް އެކެއް އަލުން ހުޅުވައިފި


މީހުން ބޭތިއްބުމަށް އެކަށީގެންނުވާތީ ބަންދުކުރި މާލޭ ޖަލު އެނެކްސް އެކެއް، މަރާމާތު ކުރުމަށްފަހު މިއަދު ހުޅުވައިފިއެވެ.

ބައިނަލްއަޤްވާމީ އުސޫލުތަކާ އެއްގޮތަށް ޤައިދީން ބޭތިއްބުމަށް ޢިމާރާތެއް ބިނާކުރުމަށްޓަކައި މާލޭ ޖަލުގެ އެނެކްސް 1 ބަންދުކުރުމަށްފަހު އަލުން ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. ހުކުމް ތަންފީޒް ކުރަމުންދާ މީހުން ބޭތިއްބުމަށް ހަދާފައިވާ މާލޭ ޖަލުގެ އެއްބައި ކަމަށްވާ އެނެކްސް އެކެއް ހުޅުވިއިރު އެތަނަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވިގޮތުގައި އެތަނުގެ ގޮޅިތަކުގައި ދެން މީހުން ބައިތިއްބާނީ މީގެކުރިން ބޭތިއްބި ޢަދަދަށްވުރެ މަދުން ކަމަށެވެ. އަދި އޭގެ އިތުރުން އެމީހުންނަށް ގޮޅިން ބޭރަށް ނުކުމެ ކަސްރަތު ކުރެވޭނެ އިންތިޒާމް އެތަނުގައި ހަމަ ޖައްސާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އިމްރާންގެ ވާހަކަފުޅުގައި މިއީ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެތެރެއިން ކުޑަ މިންވަރެއްނަމަވެސް ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

މާލޭ ޖަލު އެނެކްސް އެކެއް، އަލުން ހުޅުވިއިރު ފާހަނާއާއި ނިދާ އެނދުތަކާއި ގޮޅި ތެރެވެސް ވަނީ ކުލަލައި ރީތިކޮށްފައެވެ.

ރިމާންޑް ސެންޓަރެއްގެ ގޮތުގައި 2003 ސެޕްޓެމްބަރ މަހުގައި ހުޅުވި އެޖަލު، ފުރަތަމަ ބޭނުން ކުރަމުން ދިޔައީ މާފުށީ ޖަލުން އެކިއެކި ކަންކަމުގައި މާލެއަށް ގެންނަ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށާއި އަރުވާލުމަށް ޙުކުމްކުރެވި ރަށަކަށް ބަދަލުކުރެވެންދެން ބަންދުކުރުމުގެ އިތުރުން ގޭބަންދުކުރުމަށް ޙުކުމްކުރެވޭ މީހުންގެ ތެރެއިން ޙަވާލުވާނެ ފަރާތެއް ނެތް މީހުން ބަންދުކޮށްފައި ބޭތިއްބުމަށެވެ.

ނަމަވެސް 2006ވަނަ އަހަރު އެޖަލުގެ ތެރޭގައި އައު ގޮޅިތަކެއް ހެދުމަށްފަހު ދިގު މުއްދަތަކަށް ބަންދުކޮށްގެން މީހުން ގެންގެޅުނުކަމަށާއި، ވޭތުދިޔަ ހަތަރު އަހަރު މާލެ ޖަލުގެ އެނެކްސް އެކެއް ބޭނުންކޮށްފައިވަނީ މުސްކުޅިންނާއި، ދިގުމުއްދަތަކަށް ފަރުވާ ބޭނުންވާ ބަލިތަކުގައި ބޭސް ފަރުވާކުރާ މީހުންނާއި އަދި ބެލެހެއްޓުމުގައި ޚާއްޞަ އެހީތެރިކަން ދީގެން ބަންދުގައި ބައިތިއްބަންޖެހޭ މީހުން ބޭތިއްވުމަށްކަމަށް ކަރެކަޝަނަލް ސަރވިސުން މަޢުލޫމާތުދެއްވައެވެ.

ސަރުކާރު ބަދަލުވެ ޖަލުތައްހުރި ޙާލާތު ދެނެގަތުމަށް ބެލިބެލުމުން މާލޭ ޖަލުގެ އެނެކްސް އެކެއް ހުރީ އިންސާނީ ކަރާމާތް ނުގެއްލޭ ގޮތަށް މީހުން ބަންދުކޮށްގެން ގެންގުޅުމަށް އެކަށީގެންވާ ވަރުގެ ތަނެއްގެ ގޮތުގައި ނޫންކަމަށާއި، އާދައިގެ ކުދިކުދި މަރާމާތު ކޮށްގެން އެތަން ބޭނުންކުރެވޭނެކަމަށް ނުފެންނަ ކަމަށް ކަރެކްޝަނުން މަޢުލޫމާތުދެއްވައެވެ.

މާލޭ ޖަލުގެ އެނެކްސް އެކެއްގެ ޖަލު ގޮޅިތައް މީގެ ކުރިން ފަރުމާކުރުމުގައި ދަގަނޑު ކޮށިތަކެއްގެ ސިފައިގާ ފަރުމާކޮށްފައި ހުރުމާއި، ވައި ދައުރުވާނެ ގޮތެއް ނެތުމުން ގޮޅިތަކުގައި ހޫނުގަދަވުމުގެ މައްސަލަ ދިމާވިއެވެ. އަދި ގޮޅިތަކުގެ ފާޚާނާތައް ބާވެ، ހަލާކުވެފައި ހުރުމާއި، ވައި ބަންދުވެފައިވާ ތަނެއްގައި މީހުން ބަންދުކޮއްފައި ބޭތިއްބުމުން ހަމުގެ ބަލިތައް ޖެހޭ ޤައިދީންގެ އަދަދު އިތުރުވެފައިވެފައިވާކަން ކުރިން ފާހަގަކުރެވުނެވެ.