ޚަބަރު

ޗުއްޓީގައި ދަރިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދިނުން މުހިންމު - އެޑިއުކޭޝަން މިނިސްޓަރ


ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިފައި ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާނެ ކަންކަމުގައި ކުދިން ޝާމިލުކުރުމަށް އިސްކަންދިނުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ އިލްތިމާސްކުރައްވައިފިއެވެ.

މިއަހަރުގެ ދިރާސީ އަހަރު ނިމުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ދެއްވި މެސެޖުގައި ވަނީ ޗުއްޓީގައި ދަރިވަރުންނަށް ސްކޫލުން ދަސްވެފައިވާ ކޮންމެވެސް ހުނަރެއް އިތުރަށް ތަރައްޤީކުރުމަށް ފުރުޞަތު ފަހިކުރުމަކީ މުޙިއްމުކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ދީނީ ވާޖިބުތައް އަދާކުރުމަށް ކުދިންނަށް ބާރުއަޅާ، ޢާއިލީ ގުޅުން ބަދަހިކުރުމާއި ޗުއްޓީ ހޭދަކޮށްލަން ރަށުން ބޭރަށް ދިއުމާއި އެކުވެރި މަޖާ މާހައުލެއްގައި އުޅޭއިރުވެސް ކުދިންނަށް ފައިދާކުރާނެކަންކަން ކުރުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަހަރުގެ ތެރޭގައި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުތަކާ އެއްގޮތަށް ޙާޞިލްކުރަންޖެހޭ އެންމެހާ ލަނޑުދަނޑިތައް ފުރިހަމައަށް ހާސިލްކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ހުރިހާ ސުކޫލެއްގައި ތަންފީޒުކުރެވި އޭގެ ސަބަބުން ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލަތުތަކެއް އައިސްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ހަނގާކުރުން ހުއްޓުމަށް އެކުލަވާލި އުޞޫލްގެ ސަބަބުންވެސް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމީނިޒާމުގެ ތެރެއިން ފަހި ފުރުޞަތުތައް ހޯދައިދިނުމަށް ކުރިމަސައްކަތްވެސް ކާމިޔަބުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވަނީ ހުރިހާ ސުކޫލްތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ ސުކޫލްތަކަށް ހެދުމުގެ ސިޔާސަތުގެ ދަށުން 22 ސުކޫލެއްގައި ހިންގި "ސިންގަލް ސެޝަން ސުކޫލް ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކަމާއެކު މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދެވުނުކަން ފާހަގަކުރައްވާފައެވެ. އަދި އޭގެނަތީޖާއާ ހަމައަށް އާދެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

އަދި އާ މަންހަޖަށް ކިޔަވައިދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށް ބޭއްވި “ކަރިކިއުލަމް ރިވިއު ސިމްޕޯސިއަމް"ގެ އަލީގައި މުޤައްރަރުތަކާއި ޓެކްސްޓް ފޮތްތައް ރިވިއުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސުކޫލްތަކުގެ އުމްރާނީ ތަރައްޤީއަށް އެއް އަހަރެއްގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކުރި އަހަރަކީ މި އަހަރުކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ތެރޭގައި މުވައްޒަފުންގެ އިލްމީ ޤާބިލުކަން އިތުރުކޮށް ފަންނީ ހުނަރު ތަރައްޤީ ކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާކަމަށެވެ.