ޚަބަރު

އެސްއެމްއީ ލޯނުން އިޤްތިޞާދަށްކުރާ ހެޔޮ އަސަރު ވަރަށް އަވަހަށް ފެންނާނެ - ރައީސް


ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތަކަށް ޚާއްސަކޮށްގެން ސަރުކާރުން ދޫކުރަން ފަށާފައިވާ ލޯނުތަކާއެކު ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތައް އިތުރުވެ އިޤްތިސާދަށް އޭގެ ހެޔޮ އަސަރު ކުރިއަށްކުރާތަން ފެނިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ފަންނު އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތައް، ކުރިއެރުވުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށާ، އޭގެ ތެރެއިން އެއް ގޮންޖެހުމަކީ އެފަދަ ވިޔަފާރީތައް ހިންގަން ލޯނު ދޫކުރަން ބައެއް ފަރާތްތަކުން ފަސްޖެހުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި އެސްއެމްއީ ބޭންކެއް ޤާއިމުކޮށް ލުއި ލޯނު ދޫކުރަން ފެށީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތަކަށްފަހު މާޙައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

"(އެސްއެމްއީބޭންކް) މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ ހޯދުމަށް އެކި ފަރާތްތަކުން އެދިފައި އެބަ އޮތް. އޭގެ އެކި ފަރާތްތަކަށް 233 މިލިއަން ރުފިޔާ އެ ބޭންކުން ދިނުމަށް ނިންމައި ބައެއް ފަރާތްތަކަށް މިހާރު ވަނީ އެ ފައިސާ ދޫކޮށްފައި. މިއިން އެނގެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ހަގީގަތުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވެފައިވާކަން،" ރައީސް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރީތަކުން ހިންދެމިލުމަށް އިޤްސާދީ ދާއިރާގެ ތަރައްޤީގެ ތެރެއިން ފުރުސަތުތައް ދޭންޖެހޭ ކަމަށާ، އެކަމަށްޓަކައި ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރީތަކުގެ އޮނިގަނޑު ހަރުދަނާކޮށް ކުރުމަށް އެ ފަދަ ވިޔަފާރީތަކުގެ ގާބިލްކަން އިތުރުކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން ވަރަށް ބާރަށް ކުރިއަށް އެބަ ގެންދޭ. މި ދެންނެވި މަސައްކަތުގެ ތެރެއިން 2020 ވަނަ އަހަރުގެ ތެރޭގައި އެސްއެމްއީ ބޭންކް މެދުވެރިކޮށް 450 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ކުރިއަށް އޮތް ބަޖެޓް ވަނީ ހިމަނާފައި،" ރައީސް ވިދާޅުވިއެވެ.

ފަންނު އެކްސްޕޯ އާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެފަދަ މައުރަޒުތަކުގެ ސަބަބުން އުފެދުންތަކަށް ހަމަ އަގު ލިބުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އެހެންމެ އުފެއްދުންތެރި ޒުވާންނަށް ހަމަ އަގު ހޯދަދިނުމަކީ އެ މައުރަޒުގެ މަގުސަދު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.