ޚަބަރު

ކޮމެޓީ ހުއްޓުވަން ޝިޔާމް ކުރި މަސައްކަތާއެކު މެމްބަރުންގެ މެދުގައި ހަމަ ނުޖެހުން


މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.އަފްރާޝީމް ޢަލީ އަވަހާރަކޮށްލި މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ތަޙްޤީޤުރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމާތާބެހޭ ކޮމެޓީން މިރޭ ބާއްވަން އުޅުނު ބައްދަލުވުމަށް ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ހުރަސް އެޅުއްވުމުން މެމްބަރުންގެ މެދުގައި ޒުވާބެއް ހިނގައި ކޮމެޓީ ހޫނު ވެއްޖެއެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމީޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ކޮމެޓީ ބައްދަލުވުން ބާއްވަމުން ގެންދެވި ހޯލަށް ވަޑައިގެން އަޑު ގަދަކުރައްވަން ފެށްޓެވިއެވެ. އަދި އެވަގުތު ވާހަކަދައްކަވަމުން ގެންދެވި އާޒިމް ވާހަކަ ދެއްކެވުމަށް ހުރަސް އަޅުއްވަން ފެށްޓެވުމުން ކޮމެޓީ ބައްދަލުވުން ކުރިއަށް ގެންދެވުމަށް ފުރުސަތު ދެއްވުމަށް އާޒިމް ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް ޝިޔާމް އަޑުގަދަ ކުރައްވައި ކޮމެޓީ ކުރިއަށް ގެންދަވަން ހުރަސްއަޅުއްވަން ފެށްޓެވުމުން އެކޮމެޓީގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އިތުރު މެމްބަރުން ހިތްހަމަ ނުޖެހުން ފާޅުކުރައްވަން ފެއްޓެވިއެވެ.

ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގެ ސައްހަ ކަމާމެދު ޝިޔާމްސުވާލު އުފައްދަވަން ފެއްޓެވެމުން ރިޕޯޓް ފާސްކުރީ މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފްވެސް ވޯޓު ދެއްވައިގެން ކަމަށް އީވާއާ އާޒިމް އާއި އިތުރު މެމްމަބަރުން ގެންދެވީ ވިދާޅުވަމުންނެވެ.

ކޮމެޓީގައި ހިމެނިވަޑައިނުގަންނަވާ މެމްބަރަކު ކޮމެޓީގެ ބައްދަލުވުގައި މުގައްރިރު ހުއްދަ ނުދެއްވަނީ ވާހަކަ ދައްކަވާ އަޑު ގަދަ ކުރައްވަމުން ގެންދެވުމުން ކޮމެޓީގެ މުގައްރިރު އަލީ ނިޔާޒް ވަނީ ޝިޔާމް ހުއްޓުވުމަށް މަސައްކަތް ކުރައްވާފައި އެވެ. ނަމަވެސް ކޮމެޓީ ތެރޭގައި އެމްޑީޕީގެ މެމްބަރުންނާއި އިދިކޮޅުގައި ހިމެނޭ މެމްބަރުންގެ މެދުގައި ހިނގި ޒުވާބު އިތުރަށް ދިޔައީ ހޫނުވަމުންނެވެ.

ސަރުކާރާ އިދިކޮޅު މެމްބަރުންގެ ތެރޭގައި ހިމެނޭ ޝިޔާމްގެ އިތުރުން މާވަށުދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި އާދަމް ޝަރީފަށް ރައްދު ދެއްވަމުން ގެންދެވީ. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި އަލީ އާޒިމާއި އީވާގެ އިތުރުން ހަސަން ލަތީފުއެވެ.