ޚަބަރު

ސިފައިންނަކީ ޕްރޮފެޝަނަލް ފޯސްއެއް ކަމަށް ދިވެހިން ބަލައިގެންފި - ޑިފެންސް މިނިސްޓަރ


ދިވެހި ސިފައިންނަކީ ސިޔާސީ ކަންކަމުން ދުރުގައި ތިބި ޕްރޮފެޝަނަލް ފޯސްއެއްކަމަށް މިއަދު ދިވެހި ރައްޔިތުން ބަލައިގެންފި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 65 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމަށް ބޭއްވި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ ސިފައިން ޕްރޮޕެޝަނަލް ކަމާއެކު ކުރައްވާ ހިދުމަތް ދިވެހިން ހެޔޮ ހިތުން ބަލައިގަންނަތަން މިއަދު ފެނިގެންދާ ކަމަށެވެ. އަދި އެކަމަށްޓަކައި ސިފައިންނަށް މާރިޔާ ވަނީ ޝަކުރު އަދާކުރައްވާފައި އެވެ.

ސިފައިންނަކީ ދިވެހި ރާއްޖޭގެ މައިނާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެކިވަޑައިގަންނަވާ ކަމަށް ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ ރައީސް ސޯލިހް އެދިވަޑައިގަތުމަށް ސިފައިންނަށް ލިބިދޭން ޖެހޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދާވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ސިފައިންގެ ހިދުމަތް ދިވެހި ދައުލަތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށާއި ސިފައިންނަށް ދިވެހި ދައުލަތުން ބޮޑު ހޭދައެއް ކުރަނީ އާންމު ރައްޔިތުންނަށް ކަމެއް ޖެހޭހިނދު އެ ކަމެއްގައި ސިފައިންގެ އެހީތެރިކަން ލިބިގެންދާތީ ކަމަށެވެ.

"މިދިޔަ ބޮޑު ކެމިކަލްގެ އަލިފާންގަނޑުގެ ތެރެއަށްވެސް ހަމަ ވެންނެވީ ތިޔަ ޔުނީފޯމްގައި ތިއްބެވި ބޭފުޅުން. މިދިޔަ އީދު ތެރޭގައި އަޅުގަނޑުމެން އެންމެ އުފަލާ މަޖަލުގައި ތިބިއިރު ތިޔަ ބޭފުޅުން ތިއްބެވީ އެކި ތަންތަނުގައި ފެން ހިއްކާ، ގެތަކުގެ ފުރާޅު އެއްލާލީމަ ފުރާޅުތައް ނަގައި، އެއްތަނުން އަނެއް ތަނަކަށް ގަދައިގައި ސީއެމްބިއުންސްގައި ދަތުރުކުރައްވައި، އުދައެރީމަ އުދަ ހިއްކަވާ މިގޮތައް މަސައްކަތުގައި،" ސިފައިންނަށް ނިސްބަތްކުރައްވާ ޑިފެންސް މިނިސްޓަރ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު ވަނީ ފުރާނަ އިން ގައުމަށްޓަކައި ގުރާބާންވުމަށް ތައްޔާރުވެ ތިބި ސިފައިންގެ މައިންބަފައިނަށް ތައުރީފު ކުރައްވާ ޝުކުރު އަދާކުރައްވާފައި އެވެ.

ސިފައިންގެ މީހަކު ކުރާ ކޮންމެ ކަމެއް މުޅި "ސިފައިންގެ އާއިލާ"އާއިލާއަށް ނިސްބަތްވެގެންދާނެ ކަން ފާހަގަ ކުރައްވައި މާރިޔާ ވިދާޅުވީ އެއީ ރީތި ނަމެއް ލިބޭ ކަމެއް ވިއަސް އަދި ހުތުރު ނަމެއް ލިބޭ ކަމެއް ނަމަވެސް އެކަން މުޅި ހުރިހާ ސިފައިންނަށް ނިސްބަތްވެގެންދާނެ ކަމަށެވެ. އަދި އެހެންމެ އަލަށް ސިފައިންގެ މުވައްސަސާއާ ގުޅުނު ސިފައިންގެ އަމަލުތައް ބަހައްޓާނީ ވެސް ސިފައިންގެ އަގު ހިފެހެއްޓޭނެ ގޮތައް ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މާރިޔާ ވިދާޅުވި އެވެ.