ޚަބަރު

އެމްއާރުއެމްގެ މަޤުސަދަކީ ދުވަހުން ދުވަހަށް އިސްލާހީ މަސައްކަތްކުރުން - މައުމޫނު


އެމްއާރުއެމްގެ އެންމެ ބޮޑު މަޤުސަދަކަށް ވާނީ ޤައުމުގައި އިސްލާހު ކުރަންހުރި ކަންކަން އިސްލާޙު ކުރުމަށް ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންކަން ކުރުންކަމަށް އެ ޕާޓީގެ އިންތިޤާލީ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ނިންމުން ފާހަގަ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް މައުމޫނު ވިދާޅުވީ އިސްލާހީ މަސައްކަތަކީ މިއަދު އެކަނި ކުރަން ޖެހިފައިވާ މަސައްކަތެއް ނޫންކަމަށާ، އެއީ އަބަދު ވެސް ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. އެމްއާރުއެމް އުފެދިގެން މަސައްކަތްކުރާއިރު ސިޔާސީ ޕާޓީތަކުގެ ހިންގުމަށް ގެންނަންޖެހޭ އިސްލާޙީ ބަދަލުތައްވެސް އެޕާޓީން ފެނިގެންދާނެކަން ފާހަގަކުރައްވައި ރައީސް މައުމޫނު ބައެއް ކަންކަންވަނީ މިޖަލްސާގައި ޙިއްސާ ކުރައްވާފައެވެ.

"އެމްއާރުއެމް ބޭނުންވަނީ ސިޔާސީ ޕާޓީގެ މަސައްކަތްތައްވެސް އިތުރު މަތީ ފެންވަރަކަށް ގެންދިއުމަށް މަސައްކަތްކުރުން. އެގޮތުން އަޅުގަނޑުމެން ނިންމާފައިވާ ދެ ކަމެއް ފާހަގަކޮށްލާނަން. އެއް ކަމަކީ ޕާޓީގެ ހުރިހާ ކަމެއްގައިވެސް މިންތީގެ ހަމަ ހަމަ ކަން ގާއިމުކުރުން. އާދެ އަންނެހެން ފިރިހެން މެމްބަރުން އެއް އަދަދަށް ތިއްބެވުން. ދެވަނަ ކަމަކަށް އެމްއާރުއެމްގެ ކޮންމެ ގުނަވަނެއްގައިވެސް 25 އިންސައްތައަށްވުރެ މަދުނުވާ އަދަދަކަށް އުމުރުން 30 އަހަރު ހަމަނުވާ މެމްބަރުން ތިއްބެވުން،" ރައީސް މައުމޫނު ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރުމަކީ ޑިމޮކްރަސީގެ މައި ތަނބުކަމަށާއި އެފުރުސަތު އޮންނަން ޖެހޭނެކަން ފާހަގަ ކުރައްވައި މައުމޫނުވަނީ، ސިޔާސީ ޕާޓީތަކުން އެއްބަޔަކު މެދުކެނޑުމެއްނެތި ބަހުގެ ހަމަލާތައް ދިނުމުގެ ނަތީޖާ ރަނގަޅުނުވާނެ ފާހަގަ ކުރައްވާފައެވެ. އަދި ބައިބައިވުން ކުޑަކޮށް ހަމަޖެހުން ޤާއިމުކުރުމަށާއި ތައުލީމް އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސް މައުމޫނު ވަނީ އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

ރައީސް މައުމޫނުގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވެސް ވަނީ މި ޖަލްސާގައި ބައިވެރިވަޑައިގެންފައެވެ. އެޖަލްސާއަށް ރައީސް ޞާލިހް ވަޑައިގަތުމުން ދޭހަ ކޮށްދެނީ ޑިމޮކްރަސީ އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ދެއްވާ ޚާއްސަ ސަމާލުކަމާއި ސަރުކާރު ކޯލިޝަނަށްދެއްވާ ޚާއްސަ އަހަމިއްޔަތުކަން ކަމުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.