ޚަބަރު

ޕީޖީ ބިޝާމް މަޤާމުން ވަކިކުރަނީ ދޮގުމަޢުލޫމާތު ދެއްވުމުންނާއި ޤާނޫނީ ޒިންމާ އަދާނުކުރައްވާތީ


ޕްރޮސިކިއުޓަރ ޖެނެރަލް ޢާއިޝަތު ބިޝާމް މަޤާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީކޮމިޓީއަށް ދޮގުމަޢުލޫމާތު ދިނުމާއި، ޙަވާލުކުރެވިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޤާނޫނާއި އެއްގޮތަށް އަދާނުކުރާ މައްސަލާގައިކަމަށް ޖުޑިޝަރީކޮމިޓީގެ ނައިބް މުޤައްރިރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން ވަކިކުރުމަށް ކޮމެޓީން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމްނިއުސް އަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ބިޝާމް ވަކިކުރުމަށް ކޮމިޓީއަށް ފާހަގަކޮށްފައިވާ ކަންކަމަށް ޖަވާބު ދާރީވުމުގެ ފުރުސަތު ދީފައިވާކަމަށެވެ. އެގޮތުން ކޮމިޓީން ބިޝާމަށް ތުހުމަތުކުރާ ކަންކަމާއި ގުޅޭގޮތުން އޭނާ ޖަވާބުދާރީ ވުމަށްޓަކައި މިމަހުގެ 28ވަނަ ދުވަހު ކޮމިޓީއަށް ހާޒިރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ޕީޖީ ބިޝާމް ވަކިކުރުމަށް ކޮމިޓީން މަސައްކަތް ކުރަމުންދަނީ ގިނަ ކަންތައްތަކެއް ފާހަގަކުރެވެމުންކަމަށެވެ. އޭގެ ތެރޭގައި ކޮމިޓީއަށް ދޮގުމަޢުލޫމާތު ދިނުން ހިމެނޭކަމަށް ސިރާޖް ވިދާޅުވިއެވެ. މަރާލާފައިވާ އަހުމަދު ރިލުވާންގެ މައްސަލަ އިސްތިއުނާފްކުރިކަމަށް ކޮމިޓީގައި ޕީޖީ ވިދާޅުވެފައިވާއިރު، ކްރިމިނަލް ކޯޓުން ލިބިފައިވާ މައުލޫމާތުތަކުން ޕީޖީ މިމައްސަލަ އިސްތިއުނާފް ކޮށްފައިނުވާކަމަށް ސިރާޖް ވިދާޅުވިއެވެ.
މީގެ އިތުރުން 1 ފެބްރުއަރީގެ އަމުރާ ގުޅިގެން އެދުވަހު ޕީޖީ ބިޝާމް ރައީސް އޮފީހަށް ކުއްލިގޮތަކަށް ވަޑައިގެން ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުންވެސް އިތުރުފުޅު ހައްދަވާފައިވާކަމަށް ސިރާޖް ވިދާޅުވިއެވެ. ޕީޖީ ވިދާޅުވެފައިވަނީ އޭނާ ރައީސް އޮފީހަށް ވަޑައިގެންފައިވަނީ ޑްރަގް ކައުންސިލްގެ ބައްދަލުވުމަކަށްކަމަށެވެ. ނަމަވެސް ރައީސް އޮފީސްތެރެއިން މިކަން ސާފްކުރިއިރު ޑްރަގް ކައުންސިލްގެ ބައްދަލުވުމެއް އެ މުއްދަތުގެ ތެރޭގައި ބާއްވާފައިނުވާކަން އެގިފައިވާކަމަށެވެ.

ކޮމިޓީއަށް ދޮގުމަޢުލޫމާތު ދިނުމުގެ އިތުރުން ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ޕީޖީގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމުގައި އިހުމާލުވެފައިވާކަން ކޮމިޓީން ބެލިބެލުމުން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކިފަހަރު އެކިގޮތަށް އެއްމައްސަލައެއްގައި ތަފާތު ސްޓޭންޑް ނެރުމަކީވެސް ޕީޖީގެ މަސައްކަތަކާއިމެދު ސުވާލު އުފެދޭކަމެއްކަމަށް ކޮމިޓީގެ މެމްބަރުންވެސް ފާހަގަށްކޮށްފައިވާކަމަށެވެ. މިނޫވެސް ކޮމިޓީއަށް ފާހަގަކުރެވިފައިވާ އެތައްމައްސަލައެއް ހުރިކަމަށް ސިރާޖް ވިދާޅުވިއެވެ. އަދި މިމައްސަލަތަކާއި ގުޅޭގޮތުން ޕީޖީ ބިޝާމް ކޮމިޓީގައި ބްރާސްފަތި ދުވަހު ކޮމިޓީއަށް ހާޒިރުކުރުމަށްފަހު ކޮމިޓީން މިކަންކަމުގައި ގޮތްތަކެއް ކަނޑައަޅާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީ ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީން ކޮމިޓީން ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް ކޮމިޓީމަރުހަލާއަށް ފޮނުވާފައިވަނީ މިމަހުގެ 20ވަނަ ދުވަހުއެވެ. ޝަރުއީ އެކި މަރުހަލާ ތަކުގައި ޕީޖީ ބިޝާމް ދައުވާތައް ކުރައްވާފައިވާގޮތުން 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައިވެސް ބިޝާމް ވަކިކުރުމުގެ މަސައްކަތްވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް ފަހުން އެމައްސަލަ ވަނީ ބާޠިލްކޮށްފައެވެ.

18ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް 2 ފަހަރެއްގެ މަތިން ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު މަޖިލީހުގެ ތަޅުމާއި ހަމައަށް އެ މައްސަލަ ގޮސްފައެއްނުވެއެވެ. އޭރު މަޖިލީހަށް ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވަނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވުމާއި، އޭރު ޕީޖީ އަމަލުކޮށްފައިވާ ގޮތުންކަމަށް މިމައްސަލަ ހުށަހެޅުއްވި މެމްބަރު އޭރު ވަނީ ވިދާޅުވެފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމަށް އައިޝަތު ބިޝާމް އައްޔަން ކުރައްވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.