ޚަބަރު

ކޭބަލް ކާރުގެ މަޝްރޫއު ހިންގަން ހުއްދައަށް އެދިފައެއް ނުވޭ - ޕްލޭނިން މިނިސްޓްރީ


މާލެއަތޮޅު ކާށިދޫއާއި ގާފަރު ކޭބަލް ކާރަކުން ގުޅާލުމަށް، މިހާތަނަށް އެއްވެސް ހުއްދައަކަށް އެއްވެސް ފަރާތަކުން އެދިފައިނުވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން މިގޮތަށް ވިދާޅުވެފައި މިވަނީ ކާށިދޫއާއި ގާފަރު ކޭބަލް ކާރަކުން ގުޅާލުމަށްޓަކައި ބޭރުގެ ބައެއް އެދެރަށުގައި ހަރަކާތްތެރިވަމުންދާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ޓުވީޓަކާގުޅިގެން ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ޢިމާރާތްކުރުން ހިމެނޭ ކޮންމެ މަސައްކަތެއްގައި، ޢިމާރާތްކުރުމުގެ މަސައްކަތާ ހިސާބުން އެމިނިސްޓްރީގެ ޙިއްސާ އެކަމުގައި އޮންނާނެކަމަށެވެ. އަދި ޢިމާރާތްކުރާނަމަ ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަނާއި ޕްރޮޖެކްޓް ލައިސަންސްސާއި މެޓީރިއަލް ޕަރމިޓްގެ ހުއްދަތައް އެމިނިސްޓްރީން ހޯދަން ޖެހޭކަމަށެވެ. މީގެ އިތުރުން އެއްވެސް ކަހަލަ ޓާމިނަލެއް ނުވަތަ އިމާރާތެއް ޢިމާރާތްކުރާނަމަ އޭގެ ކުރެހުމުގެ ހުއްދައާއި ޢިމާރާތްކުރުމުގެ ހުއްދަ ހޯދަން ޖެހޭނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

އެހެންނަމަވެސް ކ.ކާށިދޫ ކޭބަލް ކާރު މަޝްރޫޢާ ގުޅިގެން އެއްވެސް ހުއްދައަކަށް އެދި އެއްވެސް ފަރާތަކުން މިމިނިސްޓްރީއަށް ހުށަހަޅާފައެއް ނުވެއެވެ. އަދި މިހާތަނަށް އެމިނިސްޓްރީން ދޫކުރަންޖެހޭ އެއްވެސް ހުއްދައެއް އަދި ދޫކޮށްފައި ނުވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން މިގޮތަށް ވިދާޅުވިނަމަވެސް ގާފަރާއި ކާށިދޫ، ކޭބަލް ކާރުން ގުޅާލުމަށްޓަކައި ދިރާސާކުރުމަށް އިޓަލީ ކުންފުނީގެ ތަޖުރިބާކާރުންތަކެއް އެ ދާއިރާގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ކާށިދޫ ދާއިރާގެ މަޖިލްސް މެމްބަރު ޢަބުދުﷲ ޖާބިރު ކުރެއްވި ޓުވީޓެއްގައި ވަނީ ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރަން އައީ އިޓަލީގެ އެންމެ ބޮޑު އިންޖީނިއަރިން ކުންފުނި ކަމަށްވާ ސިންޓެކްނިކާ އިންޖީނިއަރިންގެ ރައީސް ލުކާ އަދި އެސޯސިއޭޓް މާކްސްކަމަށް ވިދާޅުވެފައެވެ.

އެ ދެ ރަށް ކޭބަލް ކާރުން ގުޅުވާލުމަކީ، މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ.