ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފި


ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ،އެމްޑީޕީގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކޮށްފިއެވެ.

އެމްޑީޕީގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފައިވާއިރު، ވަގުތީ ނަތީޖާއަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވި މި އިންތިހާބުގެ ދާއިމީ ނަތީޖާއިން ދައްކާ ގޮތުން ޕާޓީގެ ރައީސްގެ މަގާމަށް އިންތިޚާބުވި ރައީސް ނަޝީދަށް 24202 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އެމަނިކުފާނު ޕާޓީގެ ރައީސް މަގާމަށް ވަޑައިގެންނެވުމަށް ނުފެންނަ ކަމަށް 421 މީހުން ވޯޓް ދީފައިވެއެވެ. އަދި 479 ވޯޓު ބާތިލްވެފައިވެއެވެ.

މި އިންތިހާބުގައި ޕާޓީގެ އެންމެ ވާދަވެރިކޮށް ދިޔައީ ނައިބު ރައީސްގެ މަގާމެވެ. އެމަޤާމު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ދިފާޢު ކުރެއްވިއިރު، އޭނާއަށް 13815 ވޯޓު ލިބިވަޑައިގެންނެވިއެވެ.

އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި މުހައްމަދު އަސްލަމަށް ލިބިވަޑައިގެންނެވީ 10480 ވޯޓެވެ. އަސްލަމް ވަނީ އިންތިހާބުގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ ޕާޓީއަށް ޝަކުވާތަކެއް ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް ޕާޓީން ދާއިމީ ނަތީޖާ އިއުލާންކޮށްފައި ވަނީ ދާއިމީ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ކަމެއް ދިމާވެފައިނުވާކަމަށް ނިންމުމަށްފަހުއެވެ.