އަންނަ އަހަރަށް ރާއްޖޭގެ ސްކޫލްތަކަށް އިތުރު 233 ބިދޭސީ މުދައްރިސުން ބޭނުންވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިއަހރުގެ ދިރަސީ އަހރުގެ ކިޔެވުން ނިމުނުއިރު ރާއްޖޭގެ ސްކޫލްތަކުގައި 1890 ބިދޭސީ މުދައްރިސުން ކިޔަވައިދިންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިހާރު އެ މުދައްރިސުންގެ ކޮންޓްރެކްޓް ހަމަވަފައިވާކަމަށާއި މިހާރު އެ މުދައްރިސުން ތިބި މަޤާމުތަކަށް ދިވެހި މުދައްރިސުން ހޯދުމަށް އިޢުލާންކޮށްފައިވާކަމަށެވެ. އެހެންނަމަވެސް މި މަޤާމުތަކަށް ދިވެހިން ނުލިބެއްޖެނަމަ މިހާރު ތިބި ބިދޭސީ މުދައްރިސުންގެ ކޮންޓްރެކްޓް އާކުރާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ޤުރުއާން މުދައްރިސުންގެ ގޮތުގައި މިހާރު 360 ޤުރުއާން މުދައްރިސުން ހަރަކާތްތެރިވެއެވެ. އަދި އަންނަ އހަރު އިތުރު 142 ޤުރުއާން މުދައްރިސުން ބޭނުންވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ އެމިނިސްޓްރީން އަބަދުވެސް މަސައްކަތް ކުރައްވަމުންގެންދަނީ ދަރިވަރުންނަށް ބޭނުންވާ ފެންވަރުރަނގަޅު މުދައްރިސުން ހޯދުމަށްކަމަށެވެ. އަދި މިހާރުވެސް އެ މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށާ، ބިދޭސީ މުދައްރިސުން ރެކްރޫޓް ކުރަމުންގެންދާކަމަށްވެސް މިނިސްޓަރ ވިދާޅުވެއެވެ.
ސްކޫލުތަކުގެ ޕްރައިމަރީ ގްރޭޑުތަކަށް ދިވެހި ޓީޗަރުން ނުލިބޭތީ ބޭރުން ޓީޗަރުން ގެންނަން އެޑިއުކޭޝަން މިނިސްޓްރީން މިއަހަރު ކުރީކޮޅުވެސް އިޢުލާން ކުރިއެވެ. ސްކޫލްތަކަށް ބޭނުންވާ ދިވެހި މުދައްރިސުން ހޯދުމަށް ދަތިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިންވަނީ ވިދާޅުވެފައެވެ. ދިވެހި މުދައްރިސުން އިތުރު ކުރުމާއި މުދައްރިސުންކުރާ މަސައްކަތަށް އެކަށިގެންވާ އުޖޫރައެއް ދިނުމަށްޓަކައި މިހާރުވަނީ މުސާރާއިގެ އޮނިގަނޑަށް ބަދަލުގެނެސް ޕޭ ކޮމިޝަނަށް ހުށަހަޅާފައެވެ. އަދި އަންނަ އަހަރު މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.