ޚަބަރު

"މާއްދާ 29 މި ވެސް ހައްގެއް" ކެމްޕެއިން ފަށައިފި


މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުޤެ ޤާނޫނަށް އާއްމުން ހޭލުންތެރިކުރުމަށް "މާއްދާ 29 މި ވެސް ޙައްޤެއް" ކެމްޕެއިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފަށައިފިއެވެ.

ސްޓެލްކޯ އިމާރާތުގައި ބޭއްވި ރަސްމިޔާތުގައި މި ކެމްޕެއިން ފައްޓަވާ ދެއްވީ އިކްނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް އެވެ.

މި ރަސްމިޔާތުގައި އިންފޮމޭޝަން ކޮމިޝަނަރ ޙުސެއިން ފިޔާޒް މޫސާ ވިދާޅުވީ މި ކެމްޕެއިން ފަށަން ޖެހުނީ މުވައްސަސާތައް އޮތް ހާލަތުގެ ގޮތުން ކަމަށެވެ. ފިޔާޒް ވިދާޅުވީ މަޢުލޫމާތު ދިނުމަށް ޤާނޫނުން ލާޒިމްކުރާ 1200 މުވައްސަސާ އޮތްއިރު ފާއިތުވި ދުވަސްތަކުގެ ތެރޭގައި އޭގެ ތެރެއިން ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައަޅަން ޖެހޭ ރިޕޯޓް ހުށައެޅި މުވައްސަސާތަކުގެ އަދަދު 200 އަށްވެސް ނާރާ ކަމަށެވެ.

"ވޭތުވި ފަސް އަހަރު ދުވަސް ތެރޭގައި 6000 ރިޕޯޓް ހުށައަޅަން ޖެހޭއިރުގައި ހުށައެޅި ރިޕޯޓްގެ އަދަދަކީ 702. އަޅުގަނޑުމެން ހިތާމަ ކުރަން ޖެހޭ،" ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ ރިޕޯޓުތައް ހުށަނާޅާ ހުރުމުގެ ސަބަބުން މައުލޫމާތު ހޯދަން ހުށައަޅައިގެން އެ މަޢުލޫމާތު ނުލިބި ވަނީ ކިތައް މީހުނަށް ކަމެއް ސާފު ނުވާ ކަމަށެވެ. އެހެން ނަމަވެސް މީގެ ފަހުން އެކަންކަން އިތުރަށް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ކެމްޕެއިންގެ ސަބަބުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤު އެއީ ލިބިދީފައިވާ ހައްޤެއްކަން އެންމެނަށް އެނގިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މައުލޫމާތު ހޯދަން އެބަ އެދެވޭ ފޯމަކުން. އާދައިގެ މީހާގެ ބާރު އެބަ ގަަދަ ކުރެވޭ ވެރިންނަށް ވުރެ. އާދައިގެ މީހާގެ ބާރު އެބަ ގަދަ ކުރެވޭ ބާރުގަދަ މުވައްސަސާއަށްވުރެ. މިއަށް ވުރެ ސަޅި ކަމެއް ނެތެއް ނޫންތޯ. އެކަމު ނޭނގޭތީ އެ ހައްޤު ހޯދަން މަސައްކަތް ނުކުރެވި އޮތީ،" ފިޔާޒް ވިދާޅުވި އެވެ.

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤު ރައްޔިތުން ބޭނުން ކުރަން ފެށުމުގެ އެންމެ ބޮޑު ފައިދާއަކަށް ވަނީ ނަޒާހަތްތެރި ދައުލަތެއް އުފެދިގެން ދިއުން ކަމަށްވެސް ފިޔާޒް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް ވިދާޅުވީ މި ސަރުކާރު އައިރު މާއްދާ 27 އޮތީ ޗޭން ޖަހާފައި ކަމަށާއި އެހެން ނަމަވެސް ވެރިކަމާ ހަވާލުވުމަށްފަހު އެ މާއްދާ މިނިވަންކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް މި ސަރުކާރު އައިރު މާއްދާ 29 އޮތީ ވަޅު ޖެހިފައި ކަމަށާއި އެ މާއްދާ ވެސް ބޭނުން ކުރުމުގެ ހައްޤު ފުރިހަމައަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށެވެ. އަދި އެކު މަގާމުތަކުގައި ތިބެންވާނީ ޤާނޫނުގައި ބުނެފައިވާ ޙައްޤުތައް ފޯރުކޮށްދެވޭވަރުގެ މީހުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޤާނޫނު އަސާސީއަށް އަހުލުވެރިކުރުވުމަށް މަސައްކަތްކުރެވޭނެކަމަށް އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ވިދާޅުވެއެވެ. މިކެމްޕެއިންގެ ދަށުން 3 މަސް ދުވަސްވަންދެން ސޯޝަލް މީޑިއާގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ވިދާޅުވީ މިކެމްޕެއިން އެކި ރަށްރަށަށްވެސް ގެންދާނެކަމަށެވެ.

މި ކެމްޕެއިންގެ އެމްބެސެޑަރަކަށް ހަމަ ޖައްސާފައިވަނީ މާކަނާ ޝޯގެ ކެރެކްޓަރއެއް ކަމަށް ވެސް އެ އޮފީހުން މަޢުލޫމާތުދެއެވެ.