ސިޔާސީ

ފޮރިންގ ސާވިސް ބިލް މަޖިލީހަށް ބަލައިގެންފި


ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކޮށް، ޒަމާނީ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއެރުވުމަށްޓަކައި މަޖިލީހަށް ހުށައަޅުއްވާފައިވާ ފޮރިންގ ސާވިސް ބިލް މަޖިލީހަށް ބަލައިގެންފިއެވެ.މި ބިލް މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.ސަރުކާރުގެ ފަރާތުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ހުށައަޅުއްވާފައިވާ ފޮރިންގ ސާވިސް ބިލް ހުށައެޅުމުގެ ބޭނުމެއްކަމުގައި ބުނެފައިވަނީ،  ޚާރިޖީ ސިޔާސަތު މެދުވެރިކޮށް ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަޙައްދުގެ ރައްކާތެރިކަން ދެމެހެއްޓުމުގައާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިޙްތިރާމްކުރުން އިތުރުކުރުމުގައި މަސައްކަތްކުރުންކަމަށެވެ. އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި، ބޭރު ޤައުމުތަކުގައި ޤާއިމުކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލޭޓްތައް ހިމެނޭ ފަދައިން ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ނަމުގައި ވަކި ޚިދުމަތެއް ޤާއިމުކޮށް، އެ ޚިދުމަތުގެ ޤާނޫނީ ހައިސިއްޔަތާއި، މަޤްޞަދުތަކާއި، އެ ޚިދުމަތް ރޭވިފައިވާ ގޮތް ބަޔާންކޮށް، ޚާރިޖީ ދާއިރާގައި ޒަމާނީ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއެރުވޭނެ ގޮތްތައް ކުރިއެރުވުންކަމަށް ބުނެފައިވެއެވެ.ޔާމީން ވިދާޅުވީ، ރާއްޖޭގައި ފޮރިންގ ސާވިސްއެއް އުފެއްދިއްޖެނަމަ ސަރުކާރުތައް ބަދަލުވެގެންއަންނަ ބަދަލުތަކަށް އިސްލާހީ ބަދަލެއް އަންނާނެކަމަށް ގަބޫލްކުރެވޭކަމަށެވެ.މިބިލް މަޖިލީހަށް ބަލައިގަތުމުން ވަނީ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައެވެ.