މާލޭގައި ހުރި ކެމިކަލް ގުދަންތައް މިމަހުގެ 25ގެ ކުރިން ތިލަފުއްޓަށް ބަދަލުކުރުމަށް ކުންފުނިތަކަށް އަންގާފައިވާނެކަމަށް ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިޓެޑުން ބުނެފިއެވެ.
ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން މިހާރުން މިހާރަށް ބަދަލުކުރަން އަންގާފައިވާ 31 ގުދަން ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިހާރު 27 ކުންފުންޏަކާއެކު އެއްބަސްވުންތައް ހަދާފައިވާކަމަށާއި އޭގެ ތެރެއިން 4 ގުދަނެއް މިހާރު ތިލަފުއްޓަށް ބަދަލުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އިތުރު ހަތަރު ކުންފުންޏަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މާލޭގައި ހުރި ކެމިކަލް ގުދަންތައް ބަދަލުކުރުމަށް މިހާރު ތިލަފުށީގައި ވަނީ 34 ގުދަނެއް ހަދާފައެވެ.
ކެމިކަލް ރައްކާކުރަން ތިލަފުށީގައި އިމާރަތްކުރި ގުދަންތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވި މުޙުލަތު ނިމުމުގެ 6 ދުވަސް ކުރިން ވަނީ ނިންމާފައެވެ. އެ މަސައްކަތަށް 9.5 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިޓެޑުން ބުނެއެވެ.
ކެމިކަލް ރައްކާކުރުމަށް ތިލަފުށީގައި ހަދާފައިވަނީ 320 އަކަފޫޓުގެ ކޮންޓެއިނަރގެ ގުދަނާއި، 800 އަކަފޫޓާއި 1000 އަކަފޫޓުގެ ގުދަނެވެ. މި ގުދަންތަކަކީ، ސަލާމަތީ ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ގުދަންތަކެއް ކަމަށް ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިޓެޑުން ބުނެއެވެ.
މި ގުދަންތައް ހުރި ސަރަހައްދުއެއްކޮށް އިންޝުއަރެންސްކޮށްފައިވާއިރު، 24 ގަޑިއިރު އެ ސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓޭގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
މި ގުދަންތަކުގެ އިތުރުން ވިޔަފާރި އުސޫލުން އިތުރު ކެމިކަލް ގުދަންތަކެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ގުދަންތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތް ކުރާނެކަމަށް ގްރޭޓަރ މާލެ އިންޑަސްޓރިއަލް ޒޯން ލިމިޓެޑުން ބުނެއެވެ.