ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތުގެ މައުލޫމާތު ބޭރުގެ ފަރާތްތަކަށް ދީފި


މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ކޮށްފައިވާ ހުކުމާއި ގުޅޭގޮތުން ކޮޅުބުގައި ތިއްބަވާ ބޭރުގެ އެކި މިޝަންތަކަށް ޕީޕީއެމް ޕީއެންސީން މަޢުލޫމާތު ދީފިއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކުރި ދަތުރު ނިންމާލުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިނާ ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ މިދަތުރުގައި ރައީސް ޔާމީންގެ ޝަރީއަތް ހިނގާދިޔަގޮތް ބޭރުގެ ފަރާތްތަކަށް ހާމަކޮށްދީފައިވާނެކަމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ބާރުއަޅާނެކަމުގެ ޔަޤީންކަން އެ ފަރާތްތަކުން ދީފައިވާކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ.ގެ ދަށުން، ރައީސް ޔާމީން 5 އަހަރުދުވަހަށް ޖަލަށްލުމާއެކު 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމަށް ޙުކުމްކޮށްފައިވަނީ މިދިޔަމަހުގެ 28 ވަނަ ދުވަހު.