ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެމްބަސީ ޤާއިމްކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ބިން ދޫކޮށްފިއެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްބަސީގެ ބިން ޙަވާލުކުރިކަމުގެ ލިޔުން ޔޫއޭއީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ސަޢީދު މުހައްމަދު ޢަލީ އަލްޝަމްސީ ޙަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެެ.
ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ޤާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ޤައުމުތަކެއްގައިވެސް އެކަން ކުރާ އުޞޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ޤާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ޤައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީކަމަށެވެ. މީގެ އިތުރުން މާލޭގައި ޑިޕްލޮމެޓިކް މިޝަންތަކުގެ ވެހިކަލްތައް ޕާކްކުރުމަށް ދިމާވާ ޖާގައިގެ ދަތިކަމަށްވެސް ޑިޕްލޮމެޓިކް އެންކްލޭވްގެ ސަބަބުން ލުއިކަމެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.
ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރަނީ 'ރެސިޕްރޯސިޓީ' އުޞޫލުންނެވެ.
ހުޅުމާލޭ ޑިޕްލޮމެޓިކް އެންކްލޭވްއިން މިހާތަނަށް ބިން ދޫކޮށްފައިވަނީ އިންޑިޔާ، ބަންގްލަދޭޝް ސްރީލަންކާ އަދި ޗައިނާ އެމްބަސީ ޤާއިމްކުރުމަށެވެ. މިހާރު ބިން ދޫކޮށްފައިވާ ޤައުމުތަކުގެ ތެރެއިން އިންޑިއާ އެމްބަސީ އެޅުމަށް ދޫކުރި ބިމުގައި މިހާރުވަނީ ބިންގާ އަޅާފައެވެ.