ޚަބަރު

އިންތިޚާބް އަމާންކަމާއެކު ބޭއްވުމަށް އެއްވެސް ގޮންޖެހުމެއް ނެތް - އިލެކްޝަންސް


ކައުންސިލް އިންތިޚާބް އަމާންކަމާއި އޮމާންކަމާއެކު ބޭއްވުމަށް އިލެކްޝަން ކޮމިޝަނަށް އެއްވެސް ގޮންޖެހުމެއް ނެތްކަމުގައި އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތް ކުރުމަށް ތާވަލެއް އެކުލަވާލާ ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން އެކޮމިޝަންގެ ނައިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ކޮމިޝަނުން މިއިންތިޚާބްގައި ކުރަންޖެހޭ މަސައްކަތްތައް ގިނަކަމަށެވެ. ވޯޓްލުމުގައި ސިޓީ ކައުންސިލްތައްފިޔަވައި އެހެން ހުރިހާ ރަށެއްގަ ކޮންމެ މީހެއްގެ އަތަށް 5 ކަރުދާސްކޮޅު ދޭއިރު ވޯޓްލުމަށާއި ގުނުމުގައި ފަސޭހަ ގޮތްތަކެއް ކޮމިޝަނުންދަނީ ރާވަމުންނެވެ.

މިއިންތިޚާބްގައި އިންތިޚާބްކުރަންޖެހޭ ކައުންސިލަރުންގެ އަދަދު އިތުރުވުމާއި، ދާއިރާތައް ބަހާގޮތް ބަދަލުވުމުގެ އިތުރުން ވޯޓްލާގޮތަށް ބަދަލުއައުމަކީވެސް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް އިތުރުވިކަމެކެވެ. ޤާނޫނަށް ގެނައިބަދަލުތަކާއިއެކު އިލެކްޝަނުން ޚާއްސަ ތާވަލެއް އެކުލަވާލާ ސުންގަޑި ކަޑައަޅައިގެން މަސައްކަތް ކުރަމުންދާކަމަށް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކާއި ރަށްތަކުގައި ހިމެނޭ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ބަހާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކޮންމެ ރަށަކުން އިންތިޚާބުކުރުމަށް ނިންމާފައިވަނީ 5 މެމްބަރުންނެވެ. މިކޮމިޓީއަށް ލޯކަލް ކައުންސިލެކޭ އެއްގޮތަށް ފުވައްމުލަކު ސިޓީން 6 މެމްބަރުން، އައްޑޫ ސިޓީއަށް 12 މެމްބަރުން އަދި މާލެ ސިޓީއަށް 18 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ކައުންސިލްތަކުގެ އުމުރުވެސް 3 އަހަރުން 5 އަހަށްވަނީ އިތުރުކޮށްފަ.

އަންހެން ބޭފުޅުންނަށް ކައުންސިލްތަކުގެ 33 ޕަސެންޓް ދިނުމަށް ނިންމާފައިވާ ނިންމުމަކީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށްޓަކައި ނިންމުނު މުހިންމު ނިންމުމެއްކަމުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ވަނީ ހާމަކުރައްވާފައެވެ. މިއާއިއެކީ ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި ގައުމީ ފެންވަރުގައި އަންހެނުންނަށް ބަސްބުނުމުގެ ފުރުސަތު އިތުރަށްލިބި ބަސްބުނުމުގެ ބާރުވެވެރިކަން ފަހިވެގެންދާނެކަމަށާއި މިބަދަލަކީ އިލެކްޝަންސުން ނުހަނު މަރުހަބާ ކިޔާ ބަދަލެއްކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު، އަންނަ އަހަރު ބޭއްވޭ އިންތިޚާބްގައި އިންތިޚާބްވާ ކައުންސިލަރުންގެ ބޮޑެތި ޒިންމާތަކެއް ހަވާލުވެގެންދާނެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި ގުޅޭގޮތުން މައުލޫމާތުދީ މަޝްވަރާކުރުމަށް ރާއްޖޭގެހުރިހާ ކައުންސިލްތަކަށް ފުރުސަތު ދީގެން ޚާއްސަ ކޮންފަރެންސެއް ކްރޮސްރޯޑް މޯލްޑިވްސްގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާވަނީ ގާނޫނު ތަންފީޒުކުރުމުގެ ޒިންމާ ކޮޑުގައިއެޅޭ ކައުންސިލަރުން އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއްނެތި ހަމަހަމަ ކަމާއެކު ޚިދުމަތް ދިނުމަށް އިލްތިމާސްކުރައްވާފައެވެ.