ސިއްހަތު

އިއްޔެގެ ނިޔަލަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑެންގީގެ 599 ކޭސް


ރާއްޖޭގެ އެކި ކަންކޮޅުތަކުން ޑެންގީހުން ޖެހިގެން އިއްޔެގެ ނިޔަލަށް 599 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ.އެއެޖެންސީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އިއްޔެ އެކަނިވެސް ޑެންގީހުން ޖެހިގެން މާލެއާއި އަތޮޅުތަކުން 38 ކޭސް އެ އެޖެންސީއަށް ރިޕޯޓްކޮށްފައިވެއެވެ.އިއްޔެގެ ނިޔަލަށް މާލެއިން ޑެންގީގެ 269 ކޭސް ރިޕޯޓްކޮށްފައިވާއިރު، އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު 330ހަށް ވަނީ އަރާފައެވެ.އެޗް.ޕީ.އޭއިން މައުލޫމާތުދޭ ގޮތުގައި ޑެންގީހުން ޖެހިގެން އަތޮޅުތަކުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ށ، ރ، ބ އަތޮޅުންނެވެ. ނަމަވެސް ޖުލައިމަސް ފެށުނުފަހުން އދ، ތ ،ގއ އަތޮޅުން ޑެންގީ ޖެހިގެން ރިޕޯޓްކުރަމުންދާ ނިސްބަތް އިތުރުވެފައިވާކަމަށް އެޗް.ޕީ.އޭއިން މައުލޫމާތުދެއެވެ.ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ޑެންގީހުން ފެތުރެމުންދާއިރު، މިހާތަނަށް މި ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފައެވެ.ޑެންގީހުން ކޮންޓްރޯލްކުރުމަށްޓަކައި، މަދިރި އުފެދޭ ތަންތަން ނައްތާލާ، ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ. އަދި ޑެންގީގެ ކޭހެއް ފެނިއްޖެނަމަ ލަސްނުކުރައްވާ  7548221 ނަންބަރާ ގުޅުއްވާ، ރިޕޯޓްކޮށްދެއްވުމަށްވެސް އެޗް.ޕީ.އޭއިން އިލްތިމާސްކުރައްވައެވެ.