ޚަބަރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫން


ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)އަށް ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އައްޔަން ކުރައްވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ މެމްބަރަކަށް ފަނޑިޔާރު ޝުޖޫން ހަމަޖެއްސެވީ އެ ކޯޓުގެ ފަނޑިޔާރުންގެ މެދުގައި ނެގި ވޯޓުން ފާސްކޮށްގެންނެވެ. އަދި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ފަނޑިޔާރު ޢާއިޝާ ޝުޖޫން އައްޔަން ކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިޔާތުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ކުރައްވާފައެވެ. ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދަށް ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.

ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން ސުޕްރީމް ކޯޓާއި ހައިކޯޓު ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް މެމްބަރުން ކަނޑައަޅަންޖެހެއެވެ. އަދި ދަށު ކޯޓުތަކުންވެސް ގާޒީއަކު އެ ކޮމިޝަނުގައި އިންނަވަންޖެހެއެވެ.