ޚަބަރު

ޖަލުތައް ފުރިފައިވާ މައްސަލަ ދެ ދުވަހެއްގެ ތެރޭގައި ވަގުތީ ގޮތުން ހައްލު ކުރެވޭނެ: ކަރެކްޝަންސް


ޖަލުތައް ފުރިފައިވާ މައްސަލަ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހައްލު ކުރެވި އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން އެކަމަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް މޯލްޑިވުސް ކަރެކްޝަނަލް ސާރވިސްއިން ވިދާޅުވެއްޖެއެވެ.

ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކާއި، އެކި ކުށްތަކުގައި ޖަލަށް ލެވޭ ފަރާތްތައް އިތުރުވެ ޖަަލުތައް ފުރިފައިވާ މައްސަލާގައި ވާހަކަ ދައްކަވަމުން ކަރެކްޝަންގެ އިސް އޮފިސަރަކު ވިދާޅުވީ، މިސަރުކާރު ވެރިކަމާއި ހަވާލުވިއިރުވެސް ޖަލުތައް އޮތީ ފުރިފައި ކަމަށެވެ. ޖަލުތަކުގެ ހާލަތާއި ގުޅިގެން މިހާރު ފެންމަތިވެގެން އުޅޭ މައްސަލަައަކީ ހުކުމެއް ނުކޮށް ވާނުވާގައި ޖަލުގައި ތިބި މީހުން ރިމާންޑު ޖަލުގައި އިތުރުވުމުގެ މައްސަލަތަކެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޖަލުތަކުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފާއިތުވެ ދިޔަ 5 އަހަރެއްގެ ތެރޭގައި ޖަލުތަކުގެ ޖާގަ އިތުރު ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތުންކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިސަރުކާރުން ޖަލުތަކުގެ ސްޓޭންޑާޑް ހިފަހައްޓަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އޮފިސަރު ވިދާޅުވިއެވެ. ޖަލުތައް ފުރިފައިވާކަމަށް މީޑިއާގައި މަޢުލޫމާތު ފެތުރެމުން އަންނަ ދަނޑިވަޅަކީ މަންޑޭލާ ސްޓޭންޑަޑަށް ޖަލު ބަދަލުކުރުމުގެ މަސައްކަތްކުރަމުންއަންނަ ދަނޑިވަޅެއްކަމަށެވެ.

ދޭތެރެ ދޭތެރެއިން ޖަލުތަކުގައި މިފަދަ މައްސަލަތައް ކުރިމަތިވެ ހައްލުކުރުމަށް ތަފާތުއެކި މަސައްކަތްދަނީ ކުރެވެމުންނެވެ. ޖަލުތަކުގައި މިވަގުތު ދިމާވެފައިވާ މައްސަލަ ހައްލުކުރެވެން އޮތީ ޖަލުތަކުގެ ޖާގަބޮޑުކޮށް ވާނުވާގައި ޖަލުގައިތިބި މީހުންގެ މައްސަލަތަކަށް ހައްލުގެނެވިގެންކަމަށް ކަރެކްޝަންއިންވެސް ވަނީ ވިދާޅުވެފައެވެ.

ޖަލުތަކާއި ގުޅޭގޮތުން އެކުލަވާލި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަންދުކޮށްފައި ތިބި ޒުވާނުންގެ އަދަދު ގިނަކަމާއި، މަސްތުވާތަކެތީގެ ޤާނޫނަށް ބަދަލުގެނެވިފައި ވީނަމަވެސް ކުރީގެ ހަރުކަށި ޤާނޫނޫގެ ދަށުން 25 އަހަރަށް އަދިވެސް މީހުން ޖަލަށް ލާފައި ބޭތިއްބުމާއި، މުއްދަތެއް ނެތްގޮތަށް ތަފާތު މައްސަލަތަކުގައި ދިވެހިންނާއި، ބިދޭސީން ރިމާންޑް ޖަލުގައި ބައިތިއްބާފައިވާކަންވެސް އޮޑިޓް ރިޕޯޓްގައިފާހަގަކޮށްފައި ވެއެވެ.